News
ޕްރެޝަރު ބޮޑުވެ އިނގިރޭސި އެފްއޭގެ ރައީސް ގްރެގް ކްލާކް އިސްތިއުފާ ދީފި
11 ނޮވެމްބަރު 2020
ކަޅު ނަސްލުގެ މީހުންނަށް ބޭއަދަބީކޮށް މުހާތަބު ކުރެވުނީތީ އިނގިރޭސި އެފްއޭގެ ރައީސް ގްރެގް ކްލާކް އިސްތިއުފާ ދީފި އެވެ.
އޭނާ އިސްތިއުފާ ދިނުމުގެ ކުރިން ވަނީ ކަޅުނަސްލުގެ މީހުންނަށް ނިސްބަތްވާ ގޮތަށް ވާހަކަދެއްކުވީނީތީ މާފަށް ވެސް އެދިފައެވެ.
ކްލާކް ކަޅު ނަސްލުގެ ފުޓްބޯޅަ ކުޅުންތެރިން ނިސްބަތްކޮށް ބޭއަދަބީ ގޮތަކަށް ނުވަތަ އިހްތިރާމް ކުޑަވާފަދަ ގޮތަކަށް ވާހަކަ ދެއްކީ އިނގިރޭސި ޕާލަމެންޓްގައި އޮންނަ ކޮމިޓީއެއް ކަމުގައިވާ ޑިޕާޓްމެންޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ގައެވެ.
އެ ވާހަކަތަކާއި ގުޅިގެން ކްލާކްއަށް ޕްރެޝަރު ބޮޑުވެ އިސްތިއުފާ ދިނީ މަސްލަހަތަށްޓަކައި ކަމަށް އޭނާ ބުންޏެވެ.
ޢުމުރުން 63 އަހަރުގެ ކްލާކަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ނައިބު ރައީސް އެވެ.
އަންގާރަ ދުވަހު އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ޗެއާމަން ކްލާކް އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ކޮށްދޭ ކަމަށާއި ނަސްލީތަފާތުކުރުން ފުޓްބޯޅައިގައި ނުގެން ގުޅުމަށް އެ އިދާރާއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.