News
އަނިޔާގެ ސަބަބުން ބަޔާންގެ ކިމިޗް ކުޅުމާއި ދުރަށް!
10 ނޮވެމްބަރު 2020
ބަޔާން މިއުނިކްގެ ޑިފެންޑަރު ޖޯޝުއާ ކިމިޗުގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން މިއަހަރުގެ ބާކީއޮތް ބައިގައި އޭނާއަށް ދެން ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކިމިޗަށް އަނިޔާވެފައިވަނީ ހޮނިހިރު ދުވަހު ޖަރުމަނު ލީގުގައި ބޮރޫޝީއާ ޑޯޓްމުންޑް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. 2-3 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވި މި މެޗުގައި ކިމިޗުގެ ކަކުލަށް އަނިޔާވުމާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ކާމިޔާބުކަމާއެކު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭނާގެ ކުލަބުން ވަނީ ބުނެފައެވެ.
ކިމިޗް އަންނަ އަހަރުގެ ޖެނުއަރީއާއި ހަމައަށް ކުޅުމާއި ދުރަށްދާން ޖެހުމުން މިމަހު ޖަރުމަނުގެ ގައުމީ ޓީމުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެން އޮތް މެޗުގައިވެސް ނުކުޅެވޭނެ އެވެ. ކިމިޗަށް ނުކުޅެވޭނެ މެޗުތަކުގެ ތެރޭގައި ޖަރުމަނު ލީގުގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ބާކީ މެޗުތަކުގައިވެސް އޭނާއަކަށް ނުކުޅެވޭނެއެވެ.
ކިމިޗަކީ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމާއި ބަޔާން މިއުނިކްގައިވެސް މުހިންމު ދައުރެއް އަދާކުރާ މުހިންމު ކުޅުންތެރިއެވެ. ބަޔާނުން ބުނީ ކިމިޗްގެ ރިހިބިލޭޝަން މުއްދަތުގައި ކުލަބުން ވީ އެންމެ ރަނގަޅަކަށް އެއްބާރުލުންދޭނެ ކަމަށާއި، މާ ގިނަ ދުވަސްތަކެއް ނުވެ ކިމިޗަށް އެނބުރި ކުޅުމަށް އާދެވޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.