News
ޓާގެޓަކީ މިސީޒަނުގައި ތައްޓެއް ނެގުން" ޓީސީ ކޯޗް ޝާޒް
6 ނޮވެމްބަރު 2020
މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޓީސީ ސްޕޯޓްސް ކްލަބުގެ ޓާގެޓަކީ މި ސީޒަނުގައި ތައްޓެއް ހޯދުން ކަމަށް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
ބޯޅަޑޮޓްއެމްވީ އާއި ވާހަކަ ދައްކަމުން ކޯޗު ބުނީ އަމާޒަކީ ތައްޓެއް ކަމަށާއި، ޓިސީގެ ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިންނާއި ހަގު ކުޅުންތެރިން އަދި ބޭރު ކުޅުންތެރިންނާއެކު މި ސީޒަނަށް ނިކުންނާނީ ރަނގަޅު ޓީމެއް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލާފައި އޮންނަތާ 9 މަސް ފަހުން އާ ސީޒަނަށް ތައްޔާރުވުމަށް ޓީސީ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށާފައިވަނީ 4 ނޮވެމްބަރުގައެވެ.
ޕްރެކްޓިސް ކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން ކޯޗް ޝާޒް ބުނީ ޕްރެކްޓިސް ރަނގަޅު ކަމަށާއި ކުޅުންތެރިންގެ ފިޓްނަސްވެސް ގޯސް ނޫން ކަމަށެވެ. "ފިޓްނަސް ގޯހެއް ނޫން، ޓީމް ފިޓް ކުރެވޭނެ ލީގަށް" ކޯޗް ބުންޏެވެ.
ޓީސީ ސްޕޯޓްސް ކުލަބުން އާ ސީޒަނަށް ނިކުންނަ އިރު މިއަހަރު އޭއެފްސީ ކަފްގައި ކުޅުނު ބައެއް ކުޅުންތެރިންވަނީ ޓީސީ އާއި ވަކިވެ އެހެން ކުލަބުތަކާއި ގުޅިފައެވެ. ޓީސީގެ ކުރީގެ ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ) ވަނީ ޓީސީ ދޫކޮށް ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަ ކުރަން ފުރުސަތު ލިބިފައިވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ގުޅިފައެވެ.
އޭއެފްސީ ކަޕްގައި އުހަށް ދާން މަސައްކަތް ކުރި ޓީސީއަށް ބޮޑު ގެއްލުމަކާއި ކުރިމަތިވީ އެ މުބާރާތް ކޮވިޑާއި ހެދި ކެންސަލް ކުރުމުންނެވެ. އަދި މުބާރާތް ކެންސަލްވުމާއި ގުޅިގެން އެ މުބާރާތަށް ޓީސީން ފައްކާ ކުރި ސްކޮޑްގެ ކުޅުންތެރިންވެސް އާ ސީޒަނަށް އެކި އެކި ކުލަބުތަކާއި ގުޅުނީއެވެ.
އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަދި ތަޖްރިބާކާރު ކުޅުންތެރިޔާ އަކްރަމް އަބްދުލް ޣަނީ (އަކޫ) ވަނީ ޓީސީ ދޫކޮށް ކްލަބު ވެލެންސިއާ އަށް ބަދަލުވެފައެވެ. އަދި ޓީސީއަށް މިދިޔަ ސީޒަނުގައި ގިނަ ގޯލްތަކެއް ޖަހައިދިން އިޝާން އިބްރާހިމް (ސައްޓު) ވަނީ މި ދުވަސްކޮޅު ކުޅުމާއި ދުރަށް ޖެހިފަ އެވެ. ރާއްޖޭގެ އެއްވަނަ ނަމްބަރު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ވެސް ވަނީ ޓީސީ އާއި އެކު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ޓީސީން ވަކިވެފައެވެ. އޭނާ އާ ސީޒަނުގައި ފެންނާނީ ކޮން ކުލަބަކުން ކަމެއްް އަދި އިއުލާނެއް ނުކުރެއެވެ. މީގެ އިތުރުން އަބްދުﷲ ހަނީފް (ބެންޖޯ) ވެސް ވަނީ ޓީސީން ވަކިވެފައެވެ. އަދި ޕާކިސްތާނުގެ ގޯލް ކީޕަރު ހަނީފް ސާގިބްވެސް ވަނީ ޓީސީ ދޫކޮށް ކްލަބް ގްރީން ސްޓްރީޓްސް އަށް ބަދަލުވެފައެވެ.
އާ ސީޒަނަށް ޓީސީ އިން ގެނެސްފައިވަނީ އަޒަރުބައިޖާންގެ ކީޕަރެކެވެ.
ފޮޓޯ: ޓީސީގެ ޕްރެކްޓިސްގެ ތެރެއިން - ޓީސީ ފޭސްބުކް ޕޭޖް
TC Sports Club Shaz