News
ބޭލް ވޭލްސްގެ ސްކޮޑަށް އެނބުރި އަތުވެއްޖެ
5 ނޮވެމްބަރު 2020
ގެރެތް ބޭލް ވޭލްސްގެ ގައުމީ ސްކޮޑާއިގުޅި މިމަހު އޮތް ތިން މެޗެއްގައި ކުޅުމަށް ހަމަޖެހިއްޖެއެވެ.
މިތިން މެޗުގައި ބޭލް ނިކުންނާނީ ވޭލްސްގެ އެސިސްޓެންޓް ކޯޗް ރޮބާޓް ޕޭޖްގެ އިރުޝާދުގެ
ދަށުންނެވެ.
ވޭލްސްގެ ރިކޯޑް ސްކޯރާ ބޭލް މިދިޔަ އޮކްޓޯބަރު މަހު ހުރީ ކުޅުމާއި ދުރުގައެވެ. އޮކްޓޯބަރުގައި ވޭލްސް އިން ކުޅުނު އިންޓަނޭޝަނަލް މެޗުތަކުގައި ބައިވެރިނުވެވުނީ ލޯން އެއްބަސްވުމެއްގެ ދަށުން ރިއާލް މެޑްރިޑުން ޓޮޓެންހަމަށް ބަދަލުވުމަށްފަހު ފިޓްނެސް ރަނގަޅު ކުރުމަށްޓަކައި މަޑު ކުރުމުންނެވެ. ބޭލްގެ ފިޓްނެސްއަށް އަސަރު ކުރީ ސެޕްޓެމްބަރުގައި ބަލްގޭރިއާއި ދެކޮޅަށް ކުޅުނު މެޗެއްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.
ވޭލްސްގެ ކޯޗް ރަޔަން ގިގްސް މިވަގުތު ހުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަނިޔާގެ
މައްސަލައަކާއި ގުޅިގެން ޓީމާ ދުރުގައެވެ.
މެންޗެސްޓާރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު އަދި ފުޓްބޯޅައިގެ ލެޖެންޑެއްކަމުގައިވާ
ގިގްސް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އެހެންނަމަވެސް ފުލުހުން
އޭނާ ހައްޔަރުކޮށް މައްސަލަ ތަހްގީގު ކުރަމުންދާތީ ގިގްސް ވަނީ ފުލުހުންނަށް އެއްބާރުލުންދޭން
އެއްބަސްވެފައެވެ.
ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ މިމަހު ވޭލްސް އިން ކުޅެން ހަމަޖެހިފައިވާ ތިން މެޗުގައި ގިގްސްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. މިމަހު
ވޭލްސް އިން ކުޅެން ހަމަޖެހިފައިވާ ތިން މެޗަކީ އެމެރިކާ އާއި އަޔަލޭންޑް އަދި ފިންލޭންޑާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފަވާ މެޗުތަކެވެ.
އުމުރުން 31 އަހަރުގެ ވިންގާ ބޭލް އަކީ ވޭލްސްގެ ސްކޮޑަށް މުހިންމު ކުޅުންތެރިއެވެ. ދުރުން ލިބޭ ބޯޅަތައް މަތަކުރުމަށްފަހު ގޯލަށް އަމާޒު ކުރުމާއި ލިބޭ ހިލޭ ޖެހުންތައް ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރުމަކީ އޭނާގެ ފާހަގަކޮށްލެވޭ މޮޅު ހުނަރެކެވެ.