News
މެރެޑޯނާއަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ
3 ނޮވެމްބަރު 2020
އާޖެންޓީނާގެ ފުޓްބޯޅައިގެ ލެޖެންޑް ޑިއޭގޯ މެރެޑޯނާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެއީ ކޮވިޑާއި ގުޅުންހުރި ކަމެއް ނޫން ކަމަށް އޭނާގެ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބީބީސީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 60 އަހަރުގެ މެރެޑޯނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ ހަށިގަނޑުން ފެން މަދުވުމާއި ހިމަގްލޮބިން ދަށްވެ ލޮނު މަދުވުންފަދަ މައްސަލަތައް އޭނާއަށް ކުރިމަތިވެފައިވާތީއެވެ.
ހޯމަ ދުވަހު އާޖެންޓީނާގެ ހޮސްޕިޓަލެއްގައި މެރެޑޯނާ އެޑްމިޓް ކޮށްފައިވާއިރު އޭނާއަށް ފަރުވާދެމުން އަންނަ ޑޮކްޓަރ ބުނީ މެރެޑޯނާގެ ސިއްހީ ހާލަތު ދަށްވެފައިވަނީ އޭނާއަށް ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކާއި ގުޅިގެންނެވެ.
ޑޮކްޓަރ ބުނީ މާދަމާގެ ނިޔަލަށް މެރެޑޯނާ ހޮސްޕިޓަލްގައި ބާއްވަން ޖެހޭނެ ކަމަށާއި އޭނާއަށް ދިމާވެފައިވާ ސިއްހީ ހާލަތާއި ގުޅިގެން ދިގު މުއްދަތުގެ ފަރުވާއެއް ދޭން ޖެހޭނެ ކަމަށެވެ.
1968 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފުޓްބޯޅަ ތަރި މެރެޑޯނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮބްޒަވޭޝަންގައި މަދުވެގެން ތިން ދުވަހު ބާއްވަން ޖެހޭނެ ކަމަށް ކުރިންވެސް ޑޮކްޓަރުވަނީ ލަފާކޮށްފައެވެ.
މެރެޑޯނާ އަކީ މިހާރުވެސް ކޯޗެއްގެ ހައިސިއްޔަތުން އާޖެންޓީނާގެ ޓީމެއްގައި މަސައްކަތް ކުރާ ކޯޗެކެވެ. އޭނާ ވަނީ މިދިޔަ ހުކުރު ދުވަހުވެސް އޭނާގެ ޓީމު ކުޅުނު މެޗަށް ހާޒިރުވެފައެވެ. އެ ދުވަހަކީ މެރެޑޯނާގެ 60 ވަނަ އުފަން ދުވަހެވެ.
ފޮޓޯ: ގެޓީ
football