News
ސައުތު ލިންކް ނިޔާ އެކަޑަމީ ޕޭރަންޓްސް ފުޓްސަލް މުބާރާތް މިމަހުގެ 27 ގައި
2 ނޮވެމްބަރު 2020
ސައުތު ލިންކް ނިޔާ އެކަޑަމީގެ ފަރާތުން އެ އެކަޑަމީގެ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ދެވަނަ ފުޓްސަލް މުބާރާތް މިމަހުގެ 27 ގައި ބާއްވަން ނިންމާފައިވާ ކަމަށް ނިޔާ އެކަޑަމީ އިން ބުނެފި އެވެ.
"ބޯޅަ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ނިޔާ އެކަޑަމީގެ ފައުންޑާ ނިޔާޒް މޫސާ(ޓެޑް) ވިދާޅުވީ މިމަހުގެ 27 އިން އަންނަ މަހުގެ 7 ވަނަ ދުވަހަށް ބާއްވާ މި މުބާރާތުގައި އަންހެން 6 ޓީމް ބައިވެރި ވެފައިވާ ކަމަށެވެ.
ޓެޑް ވިދާޅުވީ މި މުބާރާތަކީ ކުދިންނާއި ބެލެނިވެރިންގެ މެދުގައި ފުޓުބޯޅައިގެ ރޫހް އާލާކޮށް ފުޓުބޯޅައަށް ބެލެނިވެރިން ވެސް އަހުލުވެރިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގެ ޚަބަރާއި މައުލޫމާތު ބޯޅަ އެމްވީ އިން ކިޔުންތެރިންނާއި ހަމަ އަށް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
ހއ. މުރައިދޫގައި ހިންގާ މި އެކަޑަމީގައި އަންހެން ފިރިހެން ހިމެނޭހެން މިހާރުވެސް 117 ކުދިން ތަމްރީންތައް ހަދަމުން ގެންދެއެވެ. ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މި އެކަޑަމީ ހާއްސަކޮށްފައިވަނީ ފުޓުބޯޅަ، ވޮލީ އަދި ހޭންޑް ބޯޅައިގެ ތަމްރީންތައް ދަސްކޮށްދޭ އެކަޑަމީއެއްގެ ގޮތުގައެވެ. ޓެޑް ވިދާޅުވީ އެކަޑަމީގައި ހިމެނޭ 117 ކުދިންގެ 47 ޕަސެންޓަކީ އަންހެން ކުދިން ކަމަށެވެ.
ނިޔާ އެކަޑަމީގެ ފައުންޑާ ޓެޑް ވިދާޅުވީ " އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ ފުޓުބޯޅައަށް ލޯބި ކުރާ ޑިސިޕްލިން ރަނގަޅު ޖީލެއް ބިނާ ކުރުން. އެގޮތުން އެކުދިންނަށް ފުޓުބޯޅައިގެ ހުނަރުތަކުގެ އިތުރުން ދީނީ އެކި އެކި މުބާރާތްތައް އެކުދިންނަށް ހާއްސަކޮށް ކުރިޔަށް ގެންދަން ރާވާފައިވަނީ. އަދި ބުލޫ ނައިޓްގެ ނަމުގައި އަންނަ އަހަރުން ފެށިގެން އެވޯޑް ނައިޓެއް ވެސް ބާއްވަން މިދަނީ މަސައްކަތް ކުރަމުން" ކަމަށެވެ.
ޓެޑް ވިދާޅުވީ މުރައިދޫ އަކީ ފުޓުބޯޅަ އަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މިއަހަރުގެ މުބާރާތަށް ވެސް ރަށުގެ ކުދި ބޮޑު އެންމެން ތައްޔާރު ވަމުންދާ ކަމަށެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ހަމައެކަނި ބެލެނިވެރިންނަށް ކުޅެވޭގޮތަށް އޮތް ނަމަވެސް މި އަހަރުގެ މުބާރާތުގައި ބެލެނިވެރި ނޫން ދެ ކުޅުންތެރިން ޓީމުގައި ހިމެނޭގޮތަށް ގަވައިދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް މިދިޔަ އަހަރުގެ މުބާރާތަށްވުރެ ފޯރި ގަދަވާނެ ކަމަށް ޓެޑް ވިދާޅުވި އެވެ.
ލިޔުނީ: އާއިދާ އަބްދުލް ހަކީމް