News
ތަޖްރިބާކާރު ކޯޗިން ޓީމަކާއި އެކު ކޯޗު މުހައްމަދު އާދަމް ބޮޑު ޗެލެންޖަކަށް
2 ނޮވެމްބަރު 2020
އިއްޔެ ޔުނައިޑެޓް ވިކްޓްރީން ޕްރީ ސީޒަން ޕްރެކްޓިސް ފެށުމަށްފަހު ކޯޗު މުހައްމަދު އާދަމް ބުނީ އޭނާއަށް އޮތް ޗެލެންޖަށް ލުއި ކުރުމަށް ތަޖްރިބާކާރުންގެ އެހީ މި ސީޒަނުގައި ހޯދާނެ ކަމަށެވެ.
އެގޮތުން އޭނާގެ އެދުމަކަށް ކުރީގެ މަޝްހޫރު ގޯލް ކީޕަރު އިސްމާއިލް ޒަރިޔަންދު އަދި ތަޖްރިބާކާރު ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތީ) ވަނީ ކޯޗިން ކިޓްގައި ޕްރެކްޓިސްގައި ބައިވެރިވެ ކުޅުންތެރިންނަށް އިރުޝާދު ދީފައެވެ.
ކޯޗު މުހައްމަދު ބުނީ 9 މަސްދުވަހަށްފަހު އަލުން ޕްރެކްޓިސްއަށް ނިކުތުމަކީ އޭނާއަށް ވަރަށް އާ ހާލަތެއް ކަމަށާއި، އެހާ ދިގު މުއްދަތެއްގައި ނުކުޅެ ކުޅުންތެރިން ކުރިޔަށް މިއޮތް ހަތަރު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ފިޓް ކުރުމަކީ ވަރަށް ޗެލެންޖިން މަސައްކަތެއް ކަމަށެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމުގެގެ ތެރޭގައި ހިމެނެނީ ވެލެންސިއާ، ފޯކައިދޫ އަދި ނިލަންދޫގައި މަސައްކަތްކޮށްފައިވާ އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ. ގޯލްކީފަރު ޓްރެއިނަރަކީ މުހައްމަދު އިގްބާލް (އައިކިއު) އެވެ.
ޕްރެކްޓިސް ފެށިއިރު އައިކިއު އަށް ބައިވެރިނުވެވުނީ ސިއްހީ ހާލަތު ތަންނުދޭތީ ކަމަށް ކޯޗު މުހައްމަދު ބުންޏެވެ.
އެހެންކަމުން އިއްޔެ ޕްރެކްޓިސް ފެށިއިރު އޭނާގެ ދެ ރަހުމަތްތެރިން ކަމުގައިވާ ޒަރިޔަންދު އަދި ސާންތީގެ އެހީއަށް އެދުނީ ކޯޗު މުހައްމަދު ކުރިމަތިލާފައިވާ ޗެލެންޖަށް ފަސޭހަކުރުމުގެ ގޮތުން ކަމަށާއި، އެފަދަ ތަޖްރިބާކާރުންގެ އެކްސްޕީރިއަންސް ބޭނުންކޮށްގެން ވަރުގަދަ ކޯޗިން ޓީމަކާއި އެކު ވަރުގަދަ ޓީމެއް ތައްޔާރު ކުރެވިދާނެ ކަމަށް ހީވާ ކަމަށް މުހައްމަދު ބުންޏެވެ.
ފޮޓޯ: ދިވެހި ޕްރިމިއަރ ލީގް ފޭސްބުކް ޕޭޖް
United Victory Lacchey mohamed saanthi