News
އަންކޮވެސް ގްރީން ސްޓްރީޓްސް އަށް
31 އޮކްޓޯބަރު 2020
މިދިޔަ ސީޒަނުގައި ފޯކައިދޫ އަށް ކުޅުނު އެޓޭކިން މިޑްފިލްޑަރ އަންސަރު އިބްރާހިމް (އަންކޮ) ކްލަބް ގްރީން ސްޓްރީޓްސް އަށް ސޮއި ކޮށްފިއެވެ.
ބ. ތުޅާދޫ އަށް އުފަން އަންކޮ ވަނީ 2015ގައި ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދާފައެވެ. 25 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަންކޮ ކުރިން ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި ކްލަބް އީގަލްސް، ވެލެންސިއާ، ތިނަދޫ އެފްސީ އަދި ފޯކައިދޫ އެފްސީ ހިމެނެއެވެ.
އާ ސީޒަނަށް ގްރީން ސްޓްރީޓްސްގެ ސްކޮޑަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު ކުރިން ފޯކައިދޫ އެފްސީ އަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ގްރީންސްޓްރީޓްސް އާއި ގުޅިފައެވެ.

އާ ސީޒަނަށް ގްރީންސްޓްރީޓްސް އަށް ސޮއި ކުރި ކުޅުންތެރިން - ފޮޓޯ: ކްލަބް ގްރީން ސްޓްރީޓްސްގެ ފޭސްބުކް ޕޭޖް
އޭގެތެރޭގައި އަންކޮގެ އިތުރުން މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ފުއާދު (ޖެކް)، ހަސަން ނިޒާމް (ޗޯޓު) އަދި ފާކިސްތާނު ކީޕަރު ސާގިބް ހަނީފް އާއި ސްޕެއިންގެ އޭންޖަލް ކަރެސްކޯސާ ހިމެނެއެވެ.
މި ކުޅުންތެރިންނަށް ކުލަބުން މާރްހަބާ ކިޔާފައިވާއިރު މި ކުޅުންތެރިންވެސް އާ ސީޒަނަށް ތައްޔާރުވުމަށް ބާއްވާ ޕްރެކްޓިސް ތަކުގައި ބައިވެރިވާން އެވެ.
ކޯޗު އަލީ ނިސްތާރު މުހައްމަދުގެ އިރުޝާދުގެ ދަށުން ގްރީންސްޓްރީޓްސްގެ ފަރިތަކުރުންތައް މިމަހު ފަށާފައިވާއިރު ކުޅުންތެރިންގެ ފިޓްނަސް އާއި މެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ވަނީ ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދިއުން ހުއްޓުވާފައި އޮންނަތާ 8 މަސް ދުވަހުން ފަހުން އެޗްޕީއޭއިން ޓީމް ފްރެކްޓިސްތައް ފެށުމަށް ހުއްދަ ދިނުމާއި ގުޅިގެން ގްރީންސްޓްރީޓްސް އިންވެސް އަންނަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ.
އާ ސީޒަން ފެށުމަށް އެފްއޭއެމް އިން ހަމަޖައްސާފައިވާ ތާރީހަކީ 8 ޑިސެމްބަރެވެ.
Club Green Streets Nisthar Angel Anko Sagib Choatu Oggy