News
ނިމިދިޔަ ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއް ދެއްކި އީސަ ޔޫވީ އަށް
31 އޮކްޓޯބަރު 2020
ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޓީސީ ސްޕޯޓްސްގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ޔުނައިޓެޑް ވިކްޓްރީ(ޔޫވީ) އަށް ސޮއިކޮށްފި އެވެ.
ޔޫވީ އަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މެސީ ސޮއިކޮށްފައިވާކަން ޔޫވީގެ ރައީސް އިސްމާއިލް ޝާފިއު (އިއްސެ) ވަނީ "ބޯޅަ އެމްވީ" އަށް ކަށަވަރު ކޮށްދީފައެވެ.
ނިމިދިޔަ ސީޒަނުގައި މެސީގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމާއި އެކު ތިން އަހަރަށްފަހު ގައުމީ ޓީމުން އޭނާ އަށް ވަނީ ފުރުސަތުދީފައެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބުން ވިދާލި މެސީ ވަނީ 2009 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދާފައެވެ.
އޭނާއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ތެރޭގައި ގައުމީ ޓީމުން އޭޝިއަން ކަޕްގައި އޮމާނާއި ދެކޮޅަށް ކުޅުނުމެޗަށް ތައްޔާރުވަމުންދަނިކޮށް ޕްރެކްޓިހުގެ ތެރެއިން އަނިޔާވެގެން ކަމަށް ބުނެ ދަނޑުން ފައިބައިގެން ދިޔުމަށްފަހު އޭރު އޭނާގެ ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަރިތަކުރުންތަކުގައި ބައިވެރި ވުމުންނެވެ. ނަމަވެސް ފަހުން މެސީ ވަނީ އެކަމަށް ގައުމީ ޓީމުގެ ފަރާތުން މައާފަށް އެދިފައެވެ. އޭގެ ފަހުން އޭނާ އަށް ވަނީ ގައުމީ ޓީމުން ޖާގަ ދީފައެވެ.
މިއަހަރުގެ ސީޒަނަށް ޔޫވީން ވަނީ މަޝްހޫރު ބައެއް ކުޅުންތެރިންތަކެއް ގެންގޮސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ކްލަބް ގްރީންސްޓްރީޓްސް އިން ފެނިގެންދިޔަ ހުނަރުވެރި ތަޖްރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަހްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ވެސް ގެނެސްފައެވެ.
ފައިލް ފޮޓޯ: ސަން އޮންލައިން
Messi