News
ކުރެންދޫ ފުޓްސަލް ކަޕްގެ އަންހެންބައިގެ ޗެމްޕިއަންކަން އެފްއާރްސީ އެލީޓް ހޯދައިފި
31 އޮކްޓޯބަރު 2020
ޅ. ކުރެންދޫ ފުޓްސަލް ކަޕް2020ގެ އަންހެންބައިގެ ޗެމްޕިއަންކަން، އެކްސްވައިޒެޑް 4-1 ގެ ނަތީޖާ އަކުން ބަލިކޮށްގެން އެފްއާރްސީ އެލީޓް ހޯދައިފިއެވެ.
އޮކްޓޯބަރު މަހުގެ 23 ގައި ފެށި މި މުބާރާތުގައި އަންހެން ތިން ޓީމް ބައިވެރިވެފައިވާއިރު، ފިރިހެންބައިގައި ފަސްޓީމް ވަނީ ބައިވެރިވެފައެވެ. ހުކުރު ދުވަހުގެ ހަވީރު ކުޅުނު އަންހެން ބައިގެ ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ އެފްއާރްސީ އެލީޓްގެ ޖާރޒީ ނަންބަރު 12 ފާތިމަތު ޝުއާއު އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެފްއާރްސީ އެލީޓްގެ ހައްވާ ސަމާހަތް، ހައްވާ އަމާނީ، އަދި އެޓީމުގެ އާމިނަތު ރަފްހާގެ އިތުރުން އެކްސްވައިޒެޑްގެ މަރިޔަމް ސޮބާ އަދި ޝަހިއްޔާ އަލީ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފާތިމަތު ޝުއާއުއެވެ.
މި މުބާރާތުގެ ފިރިހެންބައިގެ ފައިނަލްމެޗް ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި އޮންނާނެއެވެ. ފައިނަލް މެޗްގައި ބައްދަލުކުރާނީ އާދާ ސްޕީޑްސް އާއި ޗެލްސީ އެވެ.
ކުރެންދޫ ކޮމިއުނިޓީ ސެންޓަރާއި ކުރެންދޫ ކައުންސިލް އަދި ކުރެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތަކީ އެރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި އެއްބައިވަންތަކަން އާލާކޮށް އަދި ކުޅިވަރުގެ ރޫހު ޒުވާނުން މެދުގައި އުފެއްދުމަށް ބާއްވާ މުބާރާތެކެވެ.
މީގެ ކުރިން ގިނަ ޓީމްތަކެއް މި މުބާރާތުގައި ބައިވެރިވެފައިވީނަމަވެސް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މަދު ޓީމެކެވެ. ކޮވިޑް19 އާ ގުޅިގެން މާލީގޮތުން ޓީމްތައް އިނދެޖެހި މި އަހަރުގެ މުބާރާތުން ފެނިގެން ގޮސްފައިވަނީ އަންހެން ފިރިހެން އެކު ޖުމުލަ އަށް ޓީމެވެ.