News

ޔުއެފާ ޗެމްޕިއަންސް ލީގު: ބާސާގެ ފެށުން ރަނގަޅު، ޔުވެންޓަސް އަތުންވެސް މޮޅެއް

29 އޮކްޓޯބަރު 2020






ބާސާއިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް 0-2 އިން ބަލިކޮށްފިއެވެ.


ރޭގެ މެޗަކީ އެޓިމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލާ ކުޅުނު މެޗެކެވެ. އަދި މި ސީޒަނުގައި މިހާތަނަށް ޔުވެންޓަސް ބަލިވި ފުރަތަމަ މެޗެވެ. މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން އިންތިޒާރު ކުރި މެޗުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 14 ވަނަ މިނިޓްގައި ބާސާއިން ލީޑްނެގީ އޮސްމާނޭ ޑެމްބެލޭ އަށް މެސީ ފަހިކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.


ރޭގެ މެޗުގައި ޔުވެންޓަސްއިންވެސް ތިން ލަނޑު ޖެހިއެވެ. އެހެންނަމަވެސް ވީއޭއާރް ރެފްރީ ވިޑީއޯ ބެލުމަށްފަހު ނިންމީ އެ ތިން ލަނޑުވެސް އޮފްސައިޑް ކަމަށެވެ. އެހެންކަމުން މެޗުގެ ނަތީޖާ 0-2 އަށް ހަދާލީ ލިބުނު ޕެނަލްޓީއަކުން ބާސާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީއަށް ޕެނަލްޓީ ފުރުސަތެއް ލިބުނީ އިތުރުވަގުތުގެ ކުޅުމުގެ ތެރެއިން ޔުވެންޓަސްގެ ފެޑެރީކޯ ބާނަޑޭޝީ، ބާސާގެ އަންސޫ ފަޓީއަށް ފައުލްކުރުމާއި ގުޅިގެންނެވެ.


ރޭގެ މެޗުގައި މެޗް ނިމެން 5 މިނިޓަށް ވެފައިވަނިކޮށް ޔުވެންޓަސްގެ ޑިފެންޑަރު މެރިހް ޑެމިރަލް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ފަހަރަށް ރީންދޫ ކާޑު ދައްކާ ރަތް ކާޑަކާއި އެކު ދަނޑުން ފޮނުވާލާފައެވެ.

މި މެޗުން ޔުވެންޓަސް ބަލިވި އިރު އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ކޮވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެން ހޯމް އައިސޮލޭޝަނުގައެވެ.



ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅެމުންދާ މި ދަނޑިވަޅުގައި ބާސާއިންވަނީ މޮޅު ކުޅުމެއް ދައްކާ ކުޅުނު 2 މެޗުން ވެސް މޮޅުވެފައެވެ. އެހެންކަމުން ޕޮއިންޓް ތާވަލުގައި ހަ ޕޮއިންޓާއެކު ބާސާ އޮތީ އެއްވަނައިގައެވެ.

  



Leave a Comment:

Comments will be published after moderation.