News
ފައްރަ އާއި ޝާފީ އާ ސީޒަނަށް 'ސަސް' އަށް!
26 އޮކްޓޯބަރު 2020
.ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) އާއި މިދިޔަ ސީޒަނުގައި ޔޫވީއަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކްލަބަށް ސޮއި ކޮށްފިއެވެ.
ސަސް އާއި މި ދެ ޑިފެންޑަރުން ގުޅުނުކަން އެ ކުލަބުން ހާމަކޮށްފައިވަނީ ފޭސްބުކްގައެވެ.
ފައްރަ އަކީ ފާއިތުވި ހައަހަރުވެސް ޓީސީއަށް ކުޅެ 2018 އިން ފެށިގެން ޓީސީގެ ކެޕްޓަނެވެ. ފައްރަ ވަނީ އޭނާގެ ކެޕްޓަން ކަމުގައި އެ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ . އޭނާ ޓީސީ ދޫކޮށްލީ މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އަސަރުގަދަ މެސެޖެއްވެސް ހިއްސާ ކުރުމަށްފަހުއެވެ. ޓީސީގެ އިތުރުން ފައްރަ ކުޅެފައިވާ ބޮޑެތި ކްލަބްތަކުގެ ތެރޭގައި މާޒިޔާ، ކްލަބް ވިޔަންސާ، ނިއުރޭޑިއަންޓް ފަދަ ކްލަބްތައް ހިމެނެއެވެ.

ފައްރަ އާއި ޝާފީ ސަސް އާއި ގުޅުނުއިރު އެ ކްލަބަކީ މުޅިން އަލަށް ފުރަތަމަ ޑިވިޝަން ޕްރޮމޯޓްވެފައިވާ ކްލަބެކެވެ.
ޝާފީ އަކީ ގައުމީ ޓީމުގައިވެސް ކުޅެ ގިނަ ތަޖްރިބާތަކެއް ހޯދާފައިވާ ސީނިއާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ޝާފީ ފެނިގެންދިޔައީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ޖޯޒީގައެވެ. ކްލަބު ވެލެންސިއާއިން ވިދާލި ހުނަރުވެރި ޑިފެންޑަރު ޝާފީ ކުޅެފައިވާ ކްލަބުތަކުގެ ތެރޭގައި ކްލަބް ގްރީން ސްޓްރީޓްސް، ނިއުރޭޑިއަންޓް، މާޒިޔާ އަދި ވިކްޓްރީ ހިމެނެއެވެ.
ސަސް އިން އަމާޒު ހިފާފާއިވަނީ ރަނގަޅު ހިސާބެއްގައި ޓީމު ހިފަހައްޓާލުމަށެވެ. އަދި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ތަޖްރިބާ ކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) ގެ ބެލުމުގެ ދަށުން އަންނަ ސީޒަނުގައި މުޅިން އަލަށް ސަސް ކުޅެން ތައްޔާރުވާއިރު ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަށް މީގެ ކުރިން ކުޅެފައިވާ ތަޖްރިބާކާރު ކުޅުންތެރިންތަކެއްގެ ސޮއި އެ ކުލަބުން ވަނީ ހޯދާފާއެވެ.
SUS-Super United Sports Farra