News
ކަކުލަށް ލިބުނު އަނިޔާ ރަނގަޅުވެ އޮގީ ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ
24 އޮކްޓޯބަރު 2020
މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ)ގެ ކަކުލަށް ލިބުނު އަނިޔާ ރަނގަޅުވެ ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ އެވެ.
މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީ އަށް ކުޅެމުން ދަނިކޮށް ސީޒަނުގެ ވަކި ހިސާބަކުން އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އިތުރުން ސީނިއާ ޓީމުން ވެސް ޖާގަ ހޯދި އޮގީ މި ދިޔަ ސީޒަނުގެ ވަކި ހިސާބަކުން ވަނީ ކުޅުމާއި ދުރަށް ދާން ޖެހިފައެވެ.
އަނިޔާއިން ރިކަވާވުމުގެ ކުރިން ގްރީން ސްޓްރީޓްސް އިން ވަނީ މިއަހަރުގެ ސީޒަނަށް އޮގީގެ ސޮއި ހޯދާފައެވެ. އޮގީ ގްރީން ސްޓްރީޓަށް ސޮއި ކުރީ މިދިޔަ ޖުލައި މަހުގައެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގައި ހޮވި 2018 ވަނަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް އޮގީ ވަނީ ހާސިލްކޮށްފައެވެ. އޮގީ ވަނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބީޖީއަށް ކުޅެފައެވެ.
އޭރުވެސް އޮގީ ފާހަގަ ވެގެންދިޔައީ ތަފާތު ހުނަރުވެރި އަދި މުސްތަގުބަލު އޮތް ކުޅުންތެރިއެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ބައިވެރިވި ޓީމުގެ އިތުރުން ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ސީނިއާ ޓީމުން ވެސް އޮގީ ޖާގަ ހޯދިއެވެ.
Club Green Streets Oggy