News
ކޯޗު މާސެލް ލިއްޕީ ފުޓްބޯޅައިގެ ހަޔާތް ނިންމާލައިފި
24 އޮކްޓޯބަރު 2020
2006 ވަނަ އަހަރު އިޓަލީއަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ތަޖްރިބާކާރު ކޯޗު މާސެލް ލިއްޕީ ފުޓްބޯޅައިގެ ހަޔާތް ނިންމާލައިފިއެވެ.
37 އަހަރަށްފަހު ކޯޗިން ކެރިއާ ނިންމާލިކަން އިއުލާނު ކުރި އިރު ލިއްޕީ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ 2016 ން 2019ގެ ޖެނުއަރީއާ ހަމައަށް ޗައިނާގެ ގައުމީ ޓީމަށެވެ. އޭނާ އަކީ ކުރިން ޔުވެންޓަސް އާއި އެކު ހޭދަކުރި މުއްދަތުގައި އެ ކުލަބަށް ކާމިޔާބީތައް ހޯދަދިން މަޝްހޫރު ކޯޗެކެވެ.
2017ގައި ދެއަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 30 މިލިއަނެއްހާ ޔޫރޯ އަށްޗައިނީޒް ސުފަ ލީގުގައި ވާދަކުރާ ގުއަންޒޯ އެވަގްރާޑޭގެ ކޯޗު ކަމާއި ލިއްޕީ ހަވާލުވިއެވެ.
ލިއްޕީ އަކީ 1969ގައި ޑިފެންޑަރެއްގެ ގޮތުގައި ފުޓްބޯޅައިގައި ވިދާލި ކުޅުންތެރިއެކެވެ. ކެރިއަރުގެ ބޮޑުބައިގައި ކުޅުނީ އިޓަލީގެ ސަމްޕްޑޯރިއާގައެވެ. އޭނާ ވަނީ 16 ޖުލައި 2004 ން 12 ޖުލައި 2006 އަކަށް އިޓަލީގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީއަށް ހެދުނު ގޯސްތަކާއި ގުޅިގެން އޭނާއަށް އިޓަލީ ޓީމުގެ ކޯޗުކަން ގެއްލުނު ނަމަވެސް ކެރިއަރު ނިންމާލާފައެއް ނުވެއެވެ.
ލިއްޕީ އަކީ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ގުނާލެވޭ ނަމެކެވެ. އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމު 1996 އަދި 1998 ގައިވެސް ލިއްޕީއަށް ލިބިފައިވެއެވެ.
އަދި 2006 ވަނަ އަހަރުވެސް ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނެވެ.
ލިއްޕީގެ ކާމިޔާބީތަކުގެ ތެރޭގައި ވޯލްޑްކަޕް ޓައިޓްލް އާއި ފަސްފަހަރަށް އިޓަލީގެ ސެރީއޭ ޓައިޓްލް އަދި ތިން ފަހަރަށް ޗައިނީސް ސުޕަ ލީގް ޓައިޓްލް އަދި އެއްފަހަރު ކޮޕާ އިޓާލިއާ ޓައިޓްލް އާއި އެއް ފަހަރު ޗައިނީޒް އެފްއޭ ކަޕް، އަދި ހަތަރު ފަހަރު އިޓާލިއަން ސުޕަކަޕް އައި އެއް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގާއި އޭއެފްސީ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް އާއި ސުޕަ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފައިވެއެވެ.