News

އިންޓަރ ސްކޫލް: ގްރޫޕް ސްޓޭޖް ފަހު މެޗުތަކަށް ޓީމުތައް ނިކުންނައިރު ގްރޫޕް "އޭ" ގެ ހާލަތު

7 މާރިޗު 2019






މިދުވަސްވަރު އެންމެ ފޯރިއާއިއެކު ކުރިއަށްދާ ފުޓްބޯޅަ ހަރަކާތްކަމަށްވާ މަމެން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ޓީމުތައް ނިކުންނަ އިރު ބައެއް ޓީމުތަކަށް މުބާރާތުގެ ދެވަނަ ބުރު، ކުއާޓަރ ފައިނަލުން ޖާގަތައް ކަށަވަރުވެފައިވާއިރު އަނެއްބައި ޓީމުތަކަށް މިމެޗުތަކުގެ ނަތީޖާ މުބާރާތުގައި ދެން އިތުރަށް ކުރިއަށް ދިއުމަށް ވަރަށް މުހިއްމެވެ. އެހެން ގޮތަކަށް ބުނަނީނަމަ ބައެއް ޓީމުތަކުގެ ހުރިހާ އުއްމީދެއް ގުޅިފައި އޮތީ މިއަދު ފެށޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއެވެ. ބައެއް ޓީމުތަކަށް މޮޅުވުން ނޫންގޮތެއް ނެތް އިރު، އަނެއް ބައި ޓީމުތަކަށް ބަލިނުވެ ފަރުޖައްސާލައިގެންވެސް މުބާރާތުގައި ކުރިއަށް ދެވެން އެބައޮތެވެ.

ގްރޫޕް އޭ

މި ގްރޫޕްގައި ހިމެނެނީ މުޅިން އަލަށް އިންޓަރ ސްކޫލްއަށް އުފަންވި ހުރަވީ ސްކޫލް، ޖަމާލުއްދީން ސްކޫލް، ގާޒީ ސްކޫލް އަދި ތާޖުއްދީން ސްކޫލް އެވެ. މި ގްރޫޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުން ކުޅުނު ދެމެޗުން މޮޅު ކުޅުމަކާއިއެކު މޮޅުވެ ޖުމްލަ 6 ޕޮއިންޓާއި 16 ފައިދާ ގޯލާއިއެކު ގްރޫޕް ތާވަލްގެ އެއްވަނަގައި ހަމަޖެހިލައިގެން ގާޒީ އޮތްއިރު އެޓީމު ވަނީ ކުއާޓަރ ފައިނަލްގައި މަޤާމެއް ހާސިލްކޮށްފައެވެ. ގާޒީ ސްކޫލަށް ކުއާޓަރ ފައިނަލުން މަޤާމް ގެއްލެން އަންނަނީ ވަރަށް ބޮޑު ތަފާތަކުން ޖަމާލުއްދީން އަތުން ބަލިވެއްޖަމައެވެ. ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދިއުމަށް ގްރޫޕް ސްޓޭޖް ފަހު މެޗުން ޖަމާލުއްދީނު އަތުން ބަލިނުވެ ފަރުޖައްސާލަން ގާޒީ ޓީމަށް ޖެހެއެވެ.

ގްރޫޕް ތާވަލްގެ ދެވަނައިގައި އޮތް ޖަމާލުއްދީން ޓީމަށް ބަލާލުމުގެ ކުރިން ތާޖުއްދީން ޓީމަލަށް ބަލާލުން މުހިއްމެވެ. ކޮންމެހެން އެއީ ތާޖުއްދީން ޓީމު ޖަމާލުއްދީން ޓީމަށް ވުރެ މޮޅުކަމަށް ޤަބޫލްކުރެވޭތީކީނޫނެވެ. ނަމަވެސް މުބާރާތުގައި މި ގްރޫޕްގެ ޓީމުތަކުން ދައްކަމުންދާ ކުޅުމަށް ބަލާފައި އެންމެ ފަހި ފުރުސަތެއް ކުއާޓަރ ފައިނަލަށް ދިއުމަށް އޮތީ ގާޒީ ސްކޫލަށްފަހު ތާޖުއްދީނަށެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުތަކުގައި ތާޖުއްދީން ބަށްދަލުކުރާނީ މިމެޗުތަކާއި ކުރިމަތި ލާއިރު މުބާރާތުގެ ކުޅެފައިވާ ފުރަތަމަ ދެމެޗުން ބަލިވެ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ހުރަވީ ސްކޫލްއާއެވެ. މި ދެ ޓީމުން މުބާރާތުގައި މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު މި މެޗުން ތާޖުއްދީން މޮޅުވާނެކަމަށް ވަރަށް ބޮޑު ލަފާކުރެވެއެވެ. އަދި ތާޖުއްދީނަށް މިމެޗުން މޮޅުވުމުގެ އިތުރުން ގިނަ އަދަދެއްގެ ގޯލްވެސް ޖަހަންޖެހިފައިވާތީ އެ ފުރުސަތުވެސް ވަރަށް ފަހިކަމަށް ބެލެވެއެވެ. ނަމަވެސް މެޗުގެ ނަތީޖާ ހަމަ އެންމެ ސިކުންތަކުންވެސް ބަދަލުކޮށްލެވިދާނެވެ. އެހެން ކަމުން މެޗުގެ ފުރިހަމަ ނަތީޖާ ބެލުމަށް ޖެހެނީ ކެތްތެރިވެގެން މަޑުކުރާށެވެ.

 އަނެއްކޮޅުން މިވަގުތު ގްރޫޕް ތާވަލްގެ ދެވަނަގައި އޮތް ޖަމާލުއްދީނަށްވެސް ގްރޫޕް ސްޓޭޖް ފަހު މެޗުން ގާޒީ ޓީމު އަތުން މޮޅެއްނޫން ގޮތެއް ނެތެވެ. މެޗު އެއްވަރު ވެފަ ތާޖުއްދީން މޮޅުވެއްޖެނަމަ ތާޖުއްދީނަށް ކުއާޓަރ ޖާގަ ލިބި ޖަމާކުއްދީން މުބާރާތާއި އަލްވަދާޢު ކިޔަން ޖެހޭނެއެވެ. ނަމަވެސް ޖަމާލުއްދީން ގާޒީ މެޗު އެއްވަރު ވެފަ، ވުން ނާދިރުނަމަވެސް ތާޖުއްދީން ހުރަވީ މެޗު އެއްވަރު ވެއްޖެނަމަ ޖަމާލުއްދީނަށް ކުއާޓަރއަށް ދާން ޓިކެޓް ލިބޭނެއެވެ.

 

އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ

Leave a Comment:

Comments will be published after moderation.