News
މެސީ އާއި މެދު ޝަކުވާއެއް ނެތް، އަދިވެސް ކުޅުން ރަނގަޅުކުރެވޭނެ: ކޫމަން
20 އޮކްޓޯބަރު 2020
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުޅުން އަދިވެސް ރަނގަޅު ކުރެވިދާނެ ކަމަށް ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
މި ސީޒަނުގައި ބާސާއިން މިހާތަނަށް ސްޕެނިޝް ލީގުގެ ހަތަރު މެޗު ކުޅެފައިވާއިރު މެސީއަށް ޖެހުނީ އެންމެ ލަނޑެކެވެ. އެވެސް ޕެނަލްޓީއަކުން ކާމިޔާބުކުރެވުނު ލަނޑެކެވެ. މެސީގެ ކުޅުމާއި ގުޅޭގޮތުން އެޓީމުގެ ކޯޗު ކޫމަން ބުނީ މެސީއާއި މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި ކެޕްޓަނެއްގެ ދައުރު މެސީ ފުރިހަމައަށް އަދާ ކުރާ ކަމަށާއި އެ ޓީމުގައި މެސީ ހުރީ އުފަލުން ކަމަށެވެ. އަދި މިދަނޑިވަޅުގައި މެސީގެ ކުޅުން އިތުރަށް ރަނގަޅުކޮށްލެވިދާނެ ކަމަށެވެ.
ކޫމަން ބުނީ ބާސާއަށް ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި މި ސީޒަނުގައި ޗެމްޕިއަން ލީގުގައި މާ ރަނގަޅު ޓީމެއްގެ ގޮތުގައި ނެތްނަމަ ވެސް ދެވެން އޮތް އެންމެ މައްޗަށް ދިއުމަށް ބާސާއިން މަސައްކަތް ކުރާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ބާސާ ނިކުންނާނީ އަންނަ އަންގާރަދުވަހުގެ ރޭ ފެރެންސްވަރޯސް އާއި ދެކޮޅަށެވެ. ބާސާގެ ދަނޑުގައި ކުޅޭ މިމެޗު އެހާ ފަސޭހަކޮށް ބާސާއިން ނުނަގާނެ ކަމަށް ކޯޗު ބުންޏެވެ. ޓްރާންސްފާ ޕީރިއަޑް ބާސާ ދޫކޮށްލަން ބޭނުންވި މެސީ ވަނީ ދާދިފަހުން ބާސާއާއި އެކު ސުލްހަވެ އެ ކްލަބުގައި މަޑުކުރުމަށް ނިންމާފައެވެ.