News
އަނެއްކާވެސް ލަނޑު ލިސްޓެއްގައިި ދަގަނޑޭ: މިފަހަރު އޮތީ 6 ވަނައިގަ
19 އޮކްޓޯބަރު 2020
މިހާރު ކުޅެމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންގެ
ތެރެއިން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ދިވެހި
ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެއެވެ.
މި ލިސްޓަކީ އޮކްޓޫބަރު 17 ގެ ނިޔަލަށް
ކުޅުންތެރިން ޖަހާފައިވާ ލަނޑުތަކަށް ބަލައިގެން ހަދާފައިވާ ލިސްޓެކެވެ. ދަގަނޑޭ
ހަ ވަނައިގައި ލައްވާލީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ
544 މެޗުން 464 ލަނޑު ޖަހާފައިވާތީ އެވެ.
މި ލިސްޓުގެ އެއްވަނަ ދިފާއުކުރީ 742ލަނޑު ޖަހާފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ދެވަނަގައި އޮތީ 706ލަނޑު ޖަހައިގެން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. ތިން ވަނަގައި އޮތީ 559 ލަނޑު ޖެހި ސްވިޑްންގެ ތަރި ޒެލަޓާން އިބްރަހިމޮވިޗެވެ. ހަތަރުވަނައިގައި އޮތީ ޕޮލެންޑްގެ ތަރި ރޮބަޓް ލެވެންޑޯސްކީ އެވެ. ފަސްވަނަގައި އޮތީ އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް އެވެ.
މި ލިސްޓަކީ ފުޓްބޯޅައިގެ ތަފާސް ހިސާބުތައް އެއްކުރާ ބައިނަލްއަގްވާމީ ރިސާޗް ފައުންޑޭޝަނެއް ކަމުގައިވާ،ރެކް ޑޮޓް ސްޕޯޓްސް ޑޮޓް ސޮކާ ސްޓެޓިސްޓިކްސް ފައުންޑޭޝަން (އާރްއެސްއެސްއެސްއެފް) އިން އެކުލަވާލާފައިވާ ލިސްޓެެވެ.

ދަގަނޑޭއަށް ހަވަނަ ލިބުނު އިރު އޭނާގެ ލަނޑުތައް ގުނާފައިވަނީ އެކި ކުލަބުތަކަށް ކުޅުނު މެޗުތައް އެއްކޮށްލައިގެންނެވެ. އެގޮތުން ވެލެސިއާ، ނިއުރޭޑިއަންޓް، ބްރޫނާއީގެ ޑީޕީއެމްއެމް، މެލޭޝިއާގެ ޕީޑިއާރްއެމް، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓަށް ޖަހައިދިން ލަނޑުތައް ހިމެނެއެވެ. މީގެ އިތުރުން ގައުމީ ޓީމަށް ޖަހައިދިން 53 ލަނޑާއި، 23 އަހަރުންދަށުގެ ގައުމީ ޓީމަށް ޖަހާދީފައިވާ 2 ލަނޑުވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން އިނގިރޭސި ކުޅިވަރު ގެނެސްދޭ އޮންލައިން ނޫހަކުން ހެދި ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނައިގައިވެސް ދަގަނޑޭ ހިމެނުނެވެ. އެ ލިސްޓަކީ މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ކުޅުނު މެޗުގެ ނިސްބަތުން ގައުމީ ޓީމުތަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ކަނޑައެޅުމަށް އެކުލަވާލި ލިސްޓެކެވެ. އެ ލިސްޓުގެ ދެވަނައަށް ދަގަނޑޭ އެރީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމުގައިވާ ރޮނާލްޑޯ އާއި މެސީ ފަހަތައް ޖައްސާލުމަށްފަހުއެވެ. 2018 ގައި އެ ލިސްޓުގެ އެއްވަނައިގައިވެސް ދަގަނޑޭ އޮތެވެ.