News
ލ ފޮނަދޫ އެކަޑަމީން އެދެނީ ސަރުކާރުގެ އެއްބާރުލުން!
19 އޮކްޓޯބަރު 2020
ލ. ފޮނަދޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީގެ ހަރަކާތްތައް ކޮވިޑް-19ގެ ސަބަބުން މެއި މަހުގެ މެދުކަނޑާލުމަށް ފަހު ޖުލައިމަހުން ފެށިގެންއަނެއްކާވެސް ކުރިޔަށް އެބަ ގެންދެއެވެ.
'ކްލަބު ޓު އެތްލެޓިކްސް' (ސީޓޫއޭ) ފުޓްބޯޅަ އެކަޑަމީގައި މިވަގުތު ޖުމްލަ 56 ކުދިން ތަމްރީނުވަމުން އަންނަ ކަމަށް އެކަޑަމީގެ ރައީސް ކޯޗު މުހައްމަދު އަނަސް ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ހިންގާ އެހެން އެކަޑަމީތަކާއި އެއްގޮތަށް މި އެކަޑަމީ ހިންގުމުގައި ވެސް ދިމާވާ ދައްޗަކީ ސަރުކާރު އަދި އެސޯސިއޭޝަން ފަދަ ތަންތަނުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި އެކަޑަމީ ހިންގަން ޖެހުމެވެ.

އެކަޑަމީ ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ބޯޅައެމްވީ އާއި މައުލޫމާތު ހިއްސާކުރައްވަމުން އަނަސް ވިދާޅުވީ އެފްއޭއެމް އާއި ސަރުކާރުން އަދި ކައުންސިލް ފަދަ ރަސްމީ އިދާރާތަކުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އަޅުގަނޑު އަމިއްލަ ހަރަދުގަ މިހިންގަނީ، ކައުންސިލުން އަޅުގަނޑުމެންނަށް ދަނޑުދީފައި އޮންނަނީ. އެހެން ސަޕޯޓެއް ނެތް، ގަވްމެންޓްގެ ސަޕޯޓެއް އެފްއޭއެމްގެ ސަޕޯޓެއް ވަރަށް ނުލިބޭ، އެކަމަކުވެސް އަޅުގަނޑަކީ ކުރިން ފުޓްބޯޅަ ކުޅުނު މީހަކަށްވެފަ ފުޓްބޯޅަ ކުރިއެރުވުން ބޭނުންވާތީ މިކަން ވަރަށް ކުރާހިތުން މި ކުރަނީ."
ސީޓޫއޭ އެކަޑަމީ އަކީ 15 އަހަރުން ދަށުގެ ޓީމަކާއި 13 އަހަރުން ދަށުގެ ޓީމަކާއި 9 އަހަރުން ދަށުގެ ޓީމެއް އުފައްދައިގެން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މުސްތަގްބަލުގައި ފަސްޓް ޑިވިޝަން ކުލަބުތަކާއި ގައުމީ ޓީމުގެ ފެންވަރަށް ކުޅުންތެރިން އުފައްދަން މަސައްކަތް ކުރާ އެކަޑަމީއެއްކަން ކޯޗު އަނަސް ފާހަގަ ކުރެއްވި އެވެ.

"އެކަޑަމީގައި ހަދައިގެން މިއުޅޭ ޓީމުތަކުގެ ކުދިންނަކީ، ފިއުޗާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޓީމުތަކުގައިވިޔަސް، މާލޭގަވިޔަސް އަދި ދިވެހި ގައުމީ ޓީމުގައިވެސް ޕާފޯމް ކުރާނެކަމަށް ވިސްނައިގެން ތައްޔާރުކުރާ ކުދިންތަކެއް، އަޅުގަނޑުމެންގެ ޕްލޭންގަ މި އޮންނަނީ ކުދިން އެއީ މޮޅެތި ކުޅުންތެރިންނަށްވީމަ ކްލަބުތަކުން ބޭނުންވާ ކަމަށް ވަންޏާ، ކުޅުންތެރިން ދޫކުރާނީ އެކަޑަމީން އެއްބަސްވާ އެގްރިމެންޓެއްގެ ދަށުން ކުޅުންތެރިންނާއި ބެލެނިވެރިންނަށް އޭގެ މަންފާވާ ގޮތަށް" ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ އެކަޑަމީން ހިންގާ ހަރަކާތްތަކުގައި ބެލެނިވެރިންގެ ތަރުހީބު ބައެއްފަހަރު ކުޑަ ކަމަށެވެ. އެގޮތުންއެކަޑަމީން އެހެން ރަށްރަށުގެ ޓީމުތަކާއި އެކު ކުޅޭ މެޗުތައް އިންތިޒާމު ކުރާއިރު ކުދިންނަށް ސަޕޯޓް ދިނުމަށް އަންނަ ބެލެނިވެރިން މަދުކަމަށެވެ. އެ ނޫން ގޮތްގޮތުން ބެލެނިވެރިންގެ އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޗު އަނަސް އަކީ ސްޕޯޓްސް މެނޭޖްމެންޓް އާއި ކޯޗިންގެ ދާއިރާއިން ތަމްރީނުތައް ހައްދަވާފައިވާ ޔޫތް ކޯޗު ލައިސަންސް އޮތް ކޯޗެކެވެ.
އަނަސް ވިދާޅުވީ އޭނާގެ އިތުރުން އެ އެކަޑަމީގައި ތަމްރީނު ދެއްވަނީ ގްރާސްރޫޓް ލެވެލްގެ ތަމްރީނުތައް ދެވޭ ފެންވަރުގެ ތަޖްރިބާކާރު ކޯޗުން ކަމަށެވެ.
މިފަދަ ހުނަރުވެރި ކޯޗުންގެ ތަޖްރިބާ އާއި އިރުޝާދުގެ އަލީގައި ތަމްރީނުވަމުން އަންނަ ލ.ފޮނަދޫ ފުޓްބޯޅަ ކުޅުންތެރިންނާއި އެކަޑަމީއަށްވެސް ބޯޅަ އެމްވީ އިން އެދެނީ އިތުރު ކުރިއެރުމާއި ކާމީޔާބީ އަށެވެ. އަދި ސީޓޫއޭ ފުޓްބޯޅަ އެކަޑަމީން އުފައްދާ ކުޅުންތެރިން ގައުމީ ލެވެލްގަ އާއި ބޮޑެތި ކްލަބުތަކުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިއުމަށެވެ.
ފޮޓޯތައް: ސީޓޫއޭ އެކަޑަމީ