News
މާއްޓޭ އެކަޑަމީ: ހުނަރުގެ އިތުރުން އަހްލާގަށް ބޮޑު އިސްކަމެއް
18 އޮކްޓޯބަރު 2020
2017 ވަނަ އަހަރުން ފެށިގެން މާލެ އާއި ހދ. ކުޅުދުއްފުށީގައި ހިންގަމުން އަންނަ މާއްޓޭ އެކަޑަމީން ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ހަރަކާތްތައް ހުއްޓާލާފައި އޮތްނަމަވެސް ވަރަށް ފޯރިއާއެކު ކުޅުދުއްފުށީގައި ތަމްރީނުތައް ކުރިޔަށް އެބަ ގެންދެއެވެ.
ކުރީގެ ދިވެހިގައުމީ ފުޓްބޯޅަޓީމުގެ މަޝްހޫރު ކުޅުންތެރިޔާ މައުރޫފު އަހުމަދު (މާއްޓޭ) އުފައްދަވާފައިވާ އެކަޑަމީއާއި ގުޅޭ ގޮތުން ބޯޅައެމްވީއަށް މައުލޫމާތު ދެއްވަމުން މާއްޓޭ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އެކަޑަމީގެ ހަރަކާތްތައް ވަނީ މެދު ކެނޑިފަ ކަމަށެވެ. އެހެންނަމަވެސް ކުޅުދުއްފުށީގައި ތަމްރީނުތައް ކުރިޔަށް ގެންދެވޭ ކަމަށާއި މާލެއަށް ވުރެ ރަށްރަށުގައި މިކަން ކުރަން މާ ފަސޭހަ ކަމަށެވެ.

"އަޅުގަނޑުމެންގެ އެކަޑަމީއަކީ ހަމައެކަނި ފުޓްބޯޅަ ދަސްކޮށްދޭ ތަނެއް ނޫން، އެކުދިންނަށް ސޯޝަލް ވެލިއުސް ޕްރޮގްރާމްތައްވެސް އޮންނާނެ، ތިމާއްވެއްޓަށް ރައްކާތެރިވުމާއި، ދީނީ ކަންކަމަށް ފަރުވާތެރިވުމާއި، އިޖްތިމާއީ ކަންކަމަށް ކުދިން ހޭލުންތެރި ކުރާނެ، ރަނގަޅު އަހްލާގާއި، މައިންބަޕައިންނަށް ކަމޭ ހިތުމާއި ހަމައެކަނި ކުޅުމެއް ނޫން" މާއްޓޭ ވިދާޅުވިއެވެ.
މާއްޓޭ ވިދާޅުވީ ގްރާސް ރޫޓް ލެވެލްގައި ކުއްޖާ ތަރުބިއްޔަތު ވެގެން އަންނަ އިރު ހުނަރާއި އެކު މުޖުތަމައު ގަބޫލު ކުރާ ފެންވަރުގެ ވެލިއު ސިސްޓަމަކަށް ބިނާ ނުކުރެވޭ ކުއްޖެއްނަމަ ފަސްޓް ޑިވިޝަން ކުލަބަކަށް ބަދަލުވާން އޮންނަ ފުރުސަތު ވަރަށް ހަނިވާނެ ކަމަށެވެ. އަދި ގައުމީ ޓީމު ފެންވަރުގެ ނުވަތަ ކްލަބަކަށް ކުޅެން އަންނަ އިރު އެސިސްޓަމްގެ ތެރޭގައި ނޫޅެވޭ ކުއްޖެއް ކިތަންމެ ހުނަރު ހުއްޓަސް ދާނީ ބާކީވެގެން ކަމަށެވެ.

"ރާއްޖޭގައި ރަނގަޅު ކުދިން އެބަފެނޭ، އެކަމަކު ބޭސިކް ފައުންޑޭޝަން އެޅިފަ ނެތީމަ (ހަމައެކަނި ހުނަރެއް ނޫނޭ، އެކަމަކު ދާއިމީކޮށް ކްލަބު ލެވެލް ނުވަތަ ގައުމީ ލެވެލްއެއްގައި ހިފަހައްޓާ ނުލެވެނީ އަހުލާގާއި އެހެން މީހުންގެ ތެރޭގައި އުޅެން ނޭންގޭތީ)، އަޅުގަނޑުމެން އެބަޖެހޭ އެކަހަލަ އެތައް ކަމެއް ދަސްކޮށްދޭން" މާއްޓޭ ވިދާޅުވިއެވެ.
އެކަޑަމީ ހިންގުމުގައި ހުރި ގޮންޖެހުންތައް ބޯޅަ އެމްވީއާއި ހިއްސާކުރައްވަމުން މާއްޓޭ ވިދާޅުވީ "މިކަމެއް ނުކުރެވޭނެ ސްޕޮންސަރުންނާ ނުލައެއް، ބޮޑަށް ކޮމިއުނިޓީ ސާވިސްއެއްގެ ގޮތުގައި މިހިންގަނީ، ޑޮނޭޝަން އާއި ސްޕޮންސަރ އަށް ވަރަށް ބޮޑަށް ބަރޯސާވެގެން އެކަޑަމީތައް ހިންގޭނީ" އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ފުޓްބޯޅައާއި އެހެނިހެން ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް މިހާރު ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވާ މާއްޓޭ ވިދާޅުވީ ރަށްރަށުގައި އެތަންތައް ހެދިގެންދާން ފެށީމަ އެކަޑަމީތައް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުގައި ވަރަށް ބޮޑަށް ވިސްނަވަނާ އިންފްރާސްޓްރަކްޓަރ ޑިވެލޮޕް ކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ރަނގަޅު ފެންވަރުގައި ދަނޑުތަކާއި އެއްޗެހި ޑިވެލޮޕްވެގެން އެބަ އާދޭ، ފެންވަރު ރަނގަޅު ތަންތަކުގައި ކުޅޭ ކުދިންގެ ފެންވަރުވެސް ރަނގަޅުވެގެން އަންނާނެ ، ދެން އޮންނާނީ އޭގެ ޓެކްނިކަލް ބަޔާއި އެކުދިން ތަރްބިއްޔަތުކުރާބައި، އެއީ އެސޯސިއޭޝަންތަކާއި ކްލަބުތަކާއި، އަޅުގަނޑަށް ހީވަނީ ރަނގަޅު ފެންވަރުގެ ކުދިންތަކެއް އަންނާނެ ހެން، ހީވަނީ މިހާރު މިދާ ގޮތުން ފިއުޗަރ ގައި ރާއްޖޭގެ ފުޓްބޯޅަ ވަރަށް ރަނގަޅުވާނެހެން" މާއްޓޭ ވިދާޅުވިއެވެ.
ބޯޅައެމްވީ އިން އެދެނީ މާއްޓޭ އެކަޑަމީއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށެވެ. އަދި އެ އެކަޑަމީން ތަމްރީނުވެގެން އަންނަ ކުޅުންތެރިން ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ގޮތުގައި ފެނިގެން ދިއުމަށެވެ.
ފޮޓޯތައް: މާއްޓޭ އެކަޑަމީގެ ފޭސްބުކް ޕޭޖް
football Maattey Academy