News

ށ. ފުނަދޫ އަންހެނުން: ފުރުސަތު މަދު، އެހެންނަމަވެސް ބޭނުމީ ކުރިޔަށްދާން!

17 އޮކްޓޯބަރު 2020






ކޮވިޑް ލޮކްޑައުންގެ ތެރޭގައި މާލޭގައި ކުޅިވަރުގެ ފޯރި ނެތްނަމަވެސް އެހެން އަތޮޅުތަކުގައި ވަރަށް ފޯރި ގަދައެވެ. އުތުރާ ދެކުނުގައިވެސް އެންމެ ވައިގައި ހިފާފައިވާ އެއްކަމަކަށް ފާހަގަ ކުރެވުނީ ފުޓްބޯޅަ އާއި ފުޓްސަލްގެ ފޯރި އެވެ. 

 

ރަށްރަށުގެ ލެވެލްގައި ފުޓްސަލް މުބާރާތްތައް ބާއްވަނީ 'ދުޅަ ހެޔޮ ހަށި ހެޔޮ' ސިއްހަތެއްގައި އަންހެނުންނާއި ފިރިހެނުން ތިބުމަށް ބާރު އެޅުމަށް ކަމަށް މިފަދަ މުބާރާތްތައް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. 

 

އެހެންނަމަވެސް ށ. ފުނަދޫގެ ކަނބަލުން މި ކުޅިވަރުގައި ބައިވެރިވެލަނީ ހަމައެކަނި ދުޅަހެޔޮކަން މަތީ ތިބުމަކަށް ނޫނެވެ. ފުޓްސަލްގައި ކުރިޔަށް ދާން ޝައުގުވެރިވެސް ވާތީއެވެ. އަދި ހަމައެއާއެކު ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފައިގެން މިކަން އިތުރަށް ދަސްކޮށް ހުނަރު ތަރައްގީކުރުމަށެވެ.


އެކަނބަލުންގެ އުންމީދަކީ ރަށު ފެންވަރުގައި ކުޅެ ހުނަރު ތަަރައްގީ ކުރުމަށްފަހު އެރަށުގެ ފަސްގަނޑުން ގައުމީ ފެންވަރުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން އުފެދިގެން ދިއުމެވެ.

މި އޮކްޓޫބަރު މަހު ނިމިގެން ދިޔަ ށ. ފުނަދޫ، 'ޔުނިޓީ ކަޕް - ވެޓްރަންސް' މުބާރާތުގެ އެންމެ މޮޅު އަންހެން ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުބާރާތުގެ ޓޮޕް ސްކޯރާ އަދި އެންމެ މޮޅު ކުޅުންތެރިޔާ ސުވޭދާ ހުސެއިން (ސުވޭ) ބުނީ ފުރުސަތު ލިބިއްޖެއްޔާ ފުޓްސަލް ކުޅުމުގައި ކުރިޔަށްދާން ބޭނުންވާ ކަމަށެވެ.   

"ރަށްރަށުގެ ލެވެލްގައި އަންހެން ވެރިންގެ ބައިވެރިން ވަރަށް މުހިންމު، ފުޓްބޯޅަ އާއި ފުޓްސަލް އަކީ ވަރަށް ފޯރިގަދަވާ ކަމެއް، ވަރަށް މުހިންމު ރަށްރަށުގެ ލެވެލްގައިވެސް ކުރިއެރުވުން،ފުރުސަތު ލިބިއްޖެއްޔާ ކުރިޔަށް ދެވޭނެ، ހުރިހާ ގޮތަކުން އެއްބާރުލުން ލިބުނީމަ" ސުވޭ ބުންޏެވެ.


މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ސުވޭ އިނާމާ ހަވާލުވަނީ - ޔުނިޓީ ކަޕް އޮފިޝަލް ފޮޓޯ

 

ސުވޭ އާއި އެކު މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ނަޖްމާ (ނަޖޫ) ބުނީ ދާދިފަހުން އޮތް ޔުނިޓީ ކަޕްގައި އޭނާއަށް ތަޖްރިބާ ކުރެވުނީ މުޖުތަމައުގެ އެކުވެރިކަން ބަދަހިވެ ގުޅުން ބަދަހިވާ ކަމެއް ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބެވޭނެ ކަމެއް ކަމަށެވެ.


"ވަރަށް މުހިންމު ރަށު ފެންވަރުގައި ފުޓްސަލް ކުރިއެރުވުން، ފުރުސަތު ލިބުނީމަ ކުރިޔަށް ދާ ގޮތަށް މިހިރީ، އަޅުގަނޑު ބުނާނީ ހިތްވަރާއެކު ކެރިގެން ކުރިމަތިލާން ކެރޭ ކުއްޖަކަށް ކުރިޔަށް ދެވިދާނެ ފުޓްސަލްގައި ނުވަތަ ފުޓްބޯޅައިގައި، އެކަމަކު އަންހެނުންނަށް އޮތް ފުރުސަތު އަދިވެސް މަދީ، އިޝާﷲ އަދިވެސް ފުޓްސަލް ކުޅޭނަން" ނަޖޫ ބުންޏެވެ.

ގޯލެއް ޖެހުމަށްފަހު ނަޖޫ އުފާފާޅު ކުރަނީ - ޔުނިޓީ ކަޕް އޮފިޝަލް ފޮޓޯ

 ލީލާ ހަމީދު (ލީލޫ) އަކީވެސް ޔުނިޓީ ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ.


ލީލޫ ބުނީ އެ މުބާރާތުގެ ސަބަބުން ވަރަށް އުފާވެރި މާހައުލެއްގައި ގިނަ ބަޔަކާ ބައްދަލުވެ ހިތްހަމަ ޖެހުންލިބުނު ކަމަށެވެ.


 ފުޓްސަލް ކުޅެން ޝައުގު އެބަހުރިކަމަށާއި ފުރުސަތު ލިބޭ ވަރަކުން ފުރުސަތުގެ ބޭނުންހިފާ ފުޓްސަލް ކުޅުމުގައި ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ.


 އަޅުގަނޑަކީ ސުކޫލުދައުރުން ފެށިގެން އެކި ކަހަލަ ކުޅިވަރުތަކުގައި ބައިވެރިވާ މީހެއްގެ ހައިސިއްޔަތުން ބުނެލާނީ މީ ވަރަށް މުހިންމު ކަމެކޭ ރަށު ފެންވަރުގައި ކުރިއަރުވަން، ރަށުން ރަނގަޅު ކުޅުންތެރިން އުފެދިގެންދާނެ ކަމުގައި ދެކެނީ، އެކަމަކު ރަސްމީ ވަޒީފާއެއްގެ ގޮތުގައި އަންހެނަކަށް ފުޓްބޯޅައިގައި ދެމިހުރެވިދާނެ ކަމަކަށް ނުދެކެން، އެހެންނަމަވެސް އުންމިދަކީ ށ. ފުނަދޫ އިން ރަނގަޅު ކުޅުންތެރިންތަކެއް އުފެދި އެކުޅުންތެރިންނަކީ ގައުމީ ފެންވަރުގެ ކުޅުންތެރިންނަށްވުން" ލީލޫ ބުންޏެވެ."

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ލީލޫ - ޔުނިޓީ ކަޕް އޮފިޝަލް ފޮޓޯ

މި ކުޅުންތެރިންގެ އުންމީދާއި ގުޅިފައިވާ އުފާވެރި ހަބަރަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށްގެންދާ 'ޓުވާޑްސް ފިއުޗަރ" ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގައި މީގެ ކުރިން އަންހެން ފުޓްބޯޅައަށް ނުދޭ ވަރުގެ އިސްކަމެއް ދޭނެ ކަމަށް ބެލެވެއެވެ. އަދި ފަންނީ ގޮތުންނާއި މާލީ ގޮތުންވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އިން އެހީވެދޭނެ އެވެ. 


ބޯޅައެމްވީ އިން އެދެނީ މިފަދަ އަންހެން ކުޅުންތެރިންނަށް އިތުރު ފުރުސަތައް ތަޖްރިބާ ކުރަން ލިބުމާއި ރާއްޖޭގައި އިހަށް އޮތް ވަރަށްވުރެން ބޮޑަށް އަންހެން ފުޓްސަލް އާއި ފުޓްބޯޅައިގެ ފޯރި ގަދަވެ ވާދަވެރި ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެދިގެން ދިއުމެވެ.  




Leave a Comment:

Comments will be published after moderation.