News
ހޮޅުދޫ ބެލެނިވެރިން ވަރެއް ނެތް، މޫސަ އެކަޑަމީ ހެއްވާލަދީފި
14 އޮކްޓޯބަރު 2020
ނ. ހޮޅުދޫގައި ހުންނަ 'މައި ޔުޓައިލް ސްޕޯޓްސް އެކަޑެމީ' ގެ ބެލެނިވެރިން މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކަޑެމީ އަށް ބޭނުންވާ ތަކެތި ހަދިޔާކޮށް އެކަޑަމީގެ ކޯޗުންނަށް ހާއްސަ ކެއުމެއް ދީފިއެވެ.
ކޮންމެ އަހަރަކުވެސް ބެލެނިވެރިންގެ ފަރާތުން އެ އެކަޑަމީގެ ކޯޗުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ތަފާތު ހަދިޔާތައްދެއެވެ. މޫސަ އެކަޑަމީ ހިންގުމުގައި ބެލެނިވެރިންގެ ފަރާތުން ދެއްވާ އެފަދަ އެހީތަކަށް އެކަޑަމީން ވަނީ ޝުކުރުއަދާ ކޮށްފައެވެ.
އެކަޑަމީގެ މަސްއޫލުވެރިޔާ ކޯޗު، މޫސާ އިބްރާހިމް ބޯޅައެމްވީ އަށް ވިދާޅުވީ "ބެލެނިވެރިންގެ އެހީތެރިކަން ވަރަށް އުފަލާއެކީ ފާހަގަ ކުރަން. ތެދަށް ބުނަންޏާ މާލޭގައި ހުންނަ މިސާލަކަށް އެފްއޭއެމް އާއި ސުކޫލް އެސޯސިއޭޝަންތަކުން އެކަޑަމީތަކަށް ދޭފަދަ އެއްބާރުލުމެއް މިކޮޅަށް ނުލިބޭ، އަދިވެސް އިތުރު ސަޕޯޓް އެސޯސިއޭޝަންތަކުން ދޭނަމަ މި އެކަޑަމީ އަށް އިންޝާﷲ ވަރަށް ރަނގަޅު ނަތީޖާ ނެރެވޭނެ، އަޅުގަނޑުމެންގެ ޓާގެޓަކީ ނޭޝަނަލް ލެވެލްއަށް ޕްލޭޔަރުން އުފެއްދުން" ކަމަށެވެ.

މޫސަ އެކަޑަމީ ހިންގާތާ ހަތަރު އަހަރުވެފައިވާއިރު މިވަގުތު ޖުމްލަ 242 ދަރިވަރުންނަށް ފުޓްބޯޅައިގެ ހުނަރު ތައް އެ އެކަޑަމީން އަންނަނީ ދަސް ކޮށްދެމުންނެވެ. ތަމްރީނުތަކުގެ ބައިވެރިވާ ދަރިވަރުންނަކީ 16 އަހަރުން ދަށުގެ އެކި އުމުރުފުރައިގެ ދެ ޖިންސްގެ ކުދިންނެވެ. މޫސަ އެކަޑަމީގައި އަންހެން ދެ ކޯޗުންނާއި ފިރިހެން ފަސް ކޯޗުން މަސައްކަތް ކުރައްވައެވެ.
ހޮޅުދޫގެ އިތުރުން އެއަތޮޅުގެ އެކަޑަމީތައް ނުފަށާ ރަށްރަށުގައިވެސް އެ އެކަޑަމީން އިސްނަގައިގެން ޕްރޮގްރާމް ތައް ހިންގައެވެ. އެގޮތުން ދާދިފަހުން މޫސަ އެކަޑަމީން ވަނީ ނ. ޅޮހީގައި އެފަދަ ޕްރޮގްރާމެއް ހިންގާފައެވެ.

މޫސަ ކޯޗު ވިދާޅުވީ އެކަޑަމީގެ އަމާޒަކީ ގައުމީ ފެންވަރުގެ މޮޅު ޓީމެއް ހޮޅުދޫ ގައި ތައްޔާރު ކުރުން ކަމަށެވެ. އެ އެކަޑަމީއަށް އެސޯސިއޭޝަންތަކުން އިތުރު އެހީތެރިކަން ދޭނަމަ އެ އަމާޒް ހާަސިލް ކުރުމަށް އިތުރު ބާރަކަށްވެގެންދާނެ އެވެ.
ހޮޅުދޫގައި ހުންނަ ޔޫތް އެސޯސިއޭޓް މެދުވެރިވެގެން ދާދިފަހުން އެފްއޭއެމް އިން 10 ބޯޅަ ލިބުނު ކަން ފާހަގަ ކުރައްވާ އެފްއޭއެމްގެ މިފަދަ އެހީތަކަށް ވެސް މޫސަ ކޯޗު ޝުކުރު އަދާކުރެއްވިއެވެ.
ބޯޅައެމްވީ އިން އެދެނީ މިހާރަށް ބޮޑަށް އަތޮޅު ފެންވަރުގައިވެސް ހަރަކާތްތެރިވެވޭފަދަ ތަނަވަސް ގާބިލް ފުޓްބޯޅަ އެކަޑަމީ އެއްގޮތުގައިމޫސަ އެކަޑަމީ އިތުރަށް ފުޅާވެގެންދިއުމެވެ. އަދި އެކަޑަމީއަށް ކުރިއެރުމާއި ކާމިޔާބީއަށް އެދެމެވެ.
ފޮޓޯ: މޫސަ އެކަޑަމީގެ ފޭސްބުކް ޕޭޖް
football MUSA Academy