News

ޤައުމީ އަންހެން ޓީމުގެ އެއް ތަނބު ކަމަށްވާ ސަންފައަށް އަނިޔާވެއްޖެ؛ ސާފް މުބާރާތް ކުޅެވޭނެ ކަމާމެދު ޝައްކު

6 މާރިޗު 2019






ޔޫ.އޭ.އީގައި ސާފް އަންހެނުންގެ މުބާރާތަށް ތައްޔާރުވަމުން އަންނަ ދިވެހި ޤައުމީ އަންހެން ޓީމުގެ އެއް ތަނބު ކަމަށްވާ ސަންފަ އިބްރާހިމްއަށް ތަމްރީން ކުރުމުގެ ތެރޭގައި އަނިޔާވެއްޖެއެވެ.

ސަންފަގެ ވާތުފައިގެ ލިގަމެންޓް އިރައިގެން ގޮސްފައިވަނީ ތަމްރީންތައް ކުރުމުގެ ތެރޭގައެވެ. ޤައުމީ ޓީމް މިފަހަރު ފައިނަލްގައި ކުޅުމަށް އަމާޒު ހިފާފައިހުރިއިރު މިއީ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ލިބުނު މިފަދަ ދެވަނަ އަނިޔާއެވެ. މިދިޔަ ޑިސެމްބަރު މަހު ބަހްރައިންއާއެކު ކުޅުން އެކުވެރިކަމުގެ މެޗެއްގައި ސަންފައާއެކީ ޑިފެންސަށް ކުޅެމުންއައި އައިމިނަތު ޒާހިޔާ (ޒެޑޭ)ގެ އަތްވަނީ ބިންދައިގެންގޮސްފައެވެ. މި އަނިޔާގެ ސަބަބުން ދެއަހަރަށް ކުޅުމާ ދުރަށް ދާން، އަށްއަހަރު ޤައުމީ ޓީމުގައި ސަންފައާއެކީ ކުޅެމުން އައި ޒެޑޭއަށް މިވަނީ މަޖުބޫރުވެފައެވެ.

އެއްވެސް ގޮތަކަށް ފުޓުބޯޅަ ދޫނުކޮށްލާނެކަމަށް ބުނި ޒާހިޔާގެ ފަރުވާތަކުގެ ހަރަދު ބަލަމުން އަންނަނީ އެފް.އޭ.އެމްއިންނެވެ. ބަހްރެއިންގެ ސަލްމާން މެޑިކަލް ކޮމްޕްލެކްސްއިން ޒާހިޔާގެ އަތުގެ ކަށިގާނޑުގެ އެތެރެއަށް ދަގަނޑު ޕްލޭޓް އަޅާ ބޯލްޓް ޖަހާފައެވެ. އަނިޔާއިން ރަނގާލުވާނެ ސީދާ ދުވަހެއް ނޭނގުންނަމަވެސް ޒާހިޔާ އެދެނީ ޒާހިޔާ ނެތްތަން ހިތްވަރާއެކު ފޫބައްދާ ޤައުމީ ރީތިނަން ހިފެހެއްޓުމަށެވެ.

އެކަން ކުރުމަށް އެންމެ ގާބިލްކަމަށް ގިނަބަޔަކު އެއްބަސްވާ ސަންފައަށް އަނިޔާވެފައިވާއިރު ދެން ޤައުމީ ޓީމަށް އޮތީ އެ މަގާމުތައް ފޫބެއްދުމަށް ހިތްވަރާއެކީ މަސައްކަތްކުރުމެވެ. މިއީ އިތުރު ގޮންޖެހުމެއްނަމަވެސް އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ނެގި ދިވެހި ޓީމް ދެއްކިފަދަ ހިތްވަރު ގަދަ ކުޅުމެއް ދައްކައިގެން ފައިނަލާ ހިސާބަށް ދިޔުމަކީ އުނދަގޫ ނަމަވެސް ދިވެހި ޓީމަށް ނުވާނެވަރުގެ ކަމެއް ނޫންކަމަށް އަނިޔާގައިތިބި ދެކުޅުންތެރިންވެސް ދަނީ ބުނަމުންނެވެ. ބޯޅަޑޮޓްއެމްވީއިން އެދެނީ މިދެކުޅުންތެރިންނަށް އަވަސް ޝިފާއެއްގެ އިތުރުން ދިވެހި ޤައުމީ ޓީމަށް ކާމިޔާބެވެ.

ފޮޓޯ: ފޭސްބުކް/މޯލްޑިވްސް ނެޝަނަލް ފުޓްބޯލް ޓީމް

FAM Maldives Women's Womens National Team

Leave a Comment:

Comments will be published after moderation.