News

ސަސްގެ ފަރިތަކުރުންތައް މިމަހުގެ ފަހުކޮޅު ފެށޭތޯ ބަލަނީ

12 އޮކްޓޯބަރު 2020






މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ފަރިތަކުރުންތައް މިމަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުލަބުން ބުނެފިއެވެ. 


"ބޯޅަ އެމްވީ" އަށް މައުލޫމާތުދެއްވަމުން އެ ކުލަބުގެ މެނޭޖަރ އިސްމާއީލް ތޯރިގު ވިދާޅުވީ ހުއްދަ ލިބުމާއެކު މަސައްކަތްކުރަނީ މިމަހުގެ 25 އާއި އަންނަ މަހުގެ 1 އާއި ދެމެދު ދުވަހެއްގައި ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 


ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ތަޖުރިބާކާރު ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އާއި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ކޯޗިން ޓީމުތަކުގައި ފާހަގަވި ގޯލްކީޕަރު ޓްރެއިނަރ ހަސަން ހަމީދު (ޑަކޭ) އެވެ. 


ތޯރިގު ވިދާޅުވީ ޓީމުގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެކުލެވޭ މޮޅު ޓީމެއް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރުކަމުން އަމާޒަކީ ރަނގަޅު ހިސާބެއްގައި ކުލަބު އޮތުންކަމަށްވެސް އެ ކުލަބުން ބުންޏެވެ. 


" ބޯޅަ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ސީޒަނުގައި ކުލަބް ގްރީންސްޓްރީޓްސް އަށް ކުޅުނު ހަސަން އަދުހަމް (ސަޑޭ) އާއި މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީއަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) ގެ އިތުރުން މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގެ ކެޕްޓަން ކުރި މުހައްމަދު ރަޝީދު (ހޮކޭ) ހޯދުމަށް އެ ކުލަބުން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެ ކުލަބުން މިިއިން އެއްވެސް ކުޅުންތެރިއެއް ހޯދުމަށް މަސައްކަތްކުރިކަން ކަށަވަރެއް ނުކޮށްދެއެވެެ. 


އެ ކުލަބުން ބުނީ ކުޅުންތެރިންގެ މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށެވެ.

SUS-Super United Sports Duckey Naadhu

Leave a Comment:

Comments will be published after moderation.