News
ނިހާންވެސް މާޒިޔާއަށް
6 މާރިޗު 2019
ފަހަކަށް އައިސް މޮޅެތި ކުޅުންތެރިން އެ ޓީމަކަށް ސޮއިކުރަމުން އަންނަ އެއް ޓީމަކީ މާޒިޔާއެވެ. އެގޮތުން މާޒިޔާއަށް އެންމެ ފަހުން ސޮއިކުރި ތަރިއަކަށްވެފައި މިވަނީ މިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ޤައުމީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ހުސައިން ނިހާންއެވެ.
2012ވަނަ އަހައު ސީނިއާ ފުޓުބޯޅައިގެ ހަޔާތްފެށި މި ކުޅުންތެރިޔާ މާޒިޔާއަށް ސޮއިކޮށްފައިވަނީ 3އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އީގަލްސް ދޫކޮށް އޭނާވަނީ 2013ވަނަ އަހަރު ވިކްޓަރީއަށް ބަދަލުވެފައެވެ. އެއަށްފަހު އޭނާ 2016ވަނަ އަހަރު ގުޅުނީ ވެލެންސިއާއާއެވެ. ކްލަބް އިނދަޖެހިފައި އޮތެއްކަމަކު ކްލަބަށް އެފް.އޭ ކަޕް ތަށި ހޯދައިދިނުމުގައި ނިހާންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ ޖެހިގެން އައި އަހަރުގެ އޭ.އެފް.ސީ ކަޕްގެ ކޮލިފައިންގައި އޭނާ ވެލެންސިއާއަށް މޮޅު ކުޅުމެއް ދައްކާފައިވާކަމެވެ.
މިދިޔަ އަހަރު އަލުން އެނބުރި ވިކްޓަރީއަށް ނިހާން ބަދަލުވެ ދެއްކި މޮޅުކުޅުމުގެ ނަތީޖާއަކަށްވީ ސާފް ޗެމްޕިއަންޝިޕަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި އޭނާގެ ނަން ހިމެނުމެވެ. ތަށި ހޯދި މިޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް ނިހާންވަނީ އަދާކޮށްފައެވެ.
ޖުލައިމަހު ފެށުމަށް ތައްޔާރުވަމުން އަންނަ ދިވެހި ޕްރިމިއަރ ލީގު ފެށުމުގެ ކުރިން ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރުވަނީ ވަރަށް ހަލަބޮލިވެފައެވެ. މުޅިން އާ ފޯމެޓަކަށް މިފަހަރުގެ ސީޒަންފަށާއިރު މިއީ އެފް.އޭ.އެމްއިން ދެކޭގޮތުގައި ދިވެހި ފުޓުބޯޅައަށް އޮތް ލޯބި އަލުން އާލާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
ފޮޓޯ: ފޭސްބުކް/މާޒިޔާ ސްޕޯޓްސް އެންޑް އާރް.ސީ
Club Valencia Dhivehi Premier League Maziya Sports and Recreation Club Victory Sports Club