News

މާޒިޔާ ދޫކޮށް ސާމިރުގެ މިސްރާބު އެހެން ކުލަބަކަށް

8 އޮކްޓޯބަރު 2020






އަންނަ ސީޒަނަށް ޓީމުތައް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު ރާއްޖޭގައި ތިބި ހުނަރުވެރި ކުޅުންތެރިންތަކުގެ ތެރޭގައި ހިމެނޭ މުހައްމަދު ސާމިރު އެންމެ ފަހުން ކުޅުނީ މާޒިޔާއަށެވެ. އެގޮތުން އޭއެފްސީ ކަޕުގައި ވާދަކުރި މާޒިޔާގެ ސްކޮޑުގައި އޭނާ ހިމެނުނެވެ. 


"ބޯޅަ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާމިރު އާއި މާޒިޔާއާއި ދެމެދު އޮތް އެއްބަސްވުން ދެފަރާތުން ވާހަކަދެއްކުމަށްފަހު ވަނީ އުވާލާފައެވެ.


އެއާއެކު އުފެދޭ ސުވާލަކީ ސާމިރު ދެން ފެންނާނީ ކޮން ކުލަބަކުން ބާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުލަބް ވެލެންސިޔާއިން ވަނީ ސާމިރު ހޯދުމަށް ވާހަކަދައްކާފައެވެ. މިކަން ސާމިރުވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ޓީމާއެކު އަދި އެއްބަސްވުމެއް ނެތްކަމަށާއި ވަކި ނިންމުމެއް އަދި ނުނިންމާ ކަމަށް ސާމިރު ބުންޏެވެ. 


ވެލެންސިޔާގެ އިތުރުން ފުރަތަމަ ޑިވިޝަންގެ އެހެން ބައެއް ކުލަބުތަކުންވެސް ސާމިރު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމުގެ މައުލޫމާތުލިބެއެެވެ. 


އދ. މަހިބަދޫ އަށް އުފަން ސާމިރު އެންމެ ފުރަތަމަ ނިއުރޭޑިއަންޓަށް ކުޅުމަށް ފަހު ފަހުން ވަނީ ބީޖީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބަށްވެސް ކުޅެފަ އެވެ. އޭނާ ޓީސީއާ 2017 ވަނަ އަހަރު ގުޅުމުގެ ކުރިން ވެސް ނިއު އަށް ކުޅުނެވެ. އޭގެފަހުން ސާމިރު ވަނީ ޤައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ. އަދި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.


މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ޓީމުތައް ފަރިތަކުރުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ. އަދި މިއަހަރުގެ ފަހުކޮޅު އާ ސީޒަން ފެށުމަށް އެފްއޭއެމުން ދަނީ މަސައްކަތްކުރަމުންނެވެ.


ފައިލްފޮޓޯ: ބޯޅައެމްވީ

Maziya Sports and Recreation Club samir

Leave a Comment:

Comments will be published after moderation.