News
ޓީމުތަކުން ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ދީފި
7 އޮކްޓޯބަރު 2020
ޓީމުތަކުން ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ބޯޅައެމްވީ އަށް ވިދާޅުވީ އެޗްޕީއޭއިން މި ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް ނިއު ނޯމަލްގައި ޕްރެކްޓިސްތައް ކުރިޔަށްގެންދާނެ ގޮތްތައް އަދި ފައިނަލްނުވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތަކަށްފަހު އާ ގައިޑްލައިން އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ޖަވާ ވިދާޅުވިއެވެ.
އަދި މާދަމާ އެޗްޕީއޭއާއެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި އެ ގައިޑްލައިން ފައިނަލްކުރެވިގެން ދާނެ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ. އަދި ކުލަބުތަކަށް ޕްރެކްޓިސްތައް ކުރުމުގެ ހުއްދަ ދޭނީ އެ ގައިޑްލައިން ފައިނަލް ވުމުންކަމަށް ޖަވާ ވިދާޅުވިއެވެ.
އެފްއޭއެމުން ވަނީ ދާދިފަހުން ފުލުހުންނާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އާ ސީޒަނަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމާއި ފުލުހުންނާއި އެފްއޭއެމް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ ދެފަރާތުން މަޝްވަރާކޮށްފައެވެ.
އާ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ މިއަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ފަށާނެ ތާރީހެއް ރަސްމީކޮށް އެފްއޭއެމުން އަދި ހާމައެއްނުކުރެއެވެ.
މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
FAM football