News

އިއްޔެގެ އެންމެ އަގުބޮޑު ޑީލް: އެތްލެޓިކޯގެ ތޯމަސް ޕާޓޭ އާސެނަލަށް

6 އޮކްޓޯބަރު 2020






ޔޫރަޕްގެ ފުޓްބޯޅަ އާއި ގުޅޭ ހަބަރުތަކުގެ ފޯކަސް މިވަގުތު ހުއްޓިފައިވަނީ މަތީފަންތީގެ ކްލަބުތަކުގެ ޓްރާންސްފާ މާކެޓެވެ. އިއްޔެގެ ނިޔަލަށް 'ޓްރާންސްފާ ވިންޑޯ' ނުވަތަ އެއް ކްލަބުން އަނެއް ކްލަބަށް ކުޅުންތެރިން ބަދަލުވުމަށް އޮތް ފުރުސަތު މި ވަނީ ބަންދުވެފައެވެ.


ޓްރާންސްފާ މާކެޓްގެ އެންމެ ފަހުދުވަހު އެންމެ އަގު ބޮޑުކޮށް ގަތް ކުޅުންތެރިޔަކީ އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ގާނާގެ ގައުމީ ޓީމުގެ އުމުރުން 27 އަހަރުގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ އެވެ.


އެގޮތުން އާސެނަލް އިން ވަނީ އެތްލެޓިކޯއަށް 45 މިލިއަން ޕައުންޑް ދައްކާ ގޮތަަށް ދިގު މުއްދަތަކަށް ޕާޓޭ އެޓީމަށް ބަދަލުކޮށްފައެވެ. އާސެނަލުން ޕާޓޭ ގަތީ ލޯނު އެއްބަސްވުމެއްގެ ދަށުން އެތްލިޓޯއަށް ލޫކަސް ޓޮރޭރާ ދިނުމަށްފަހުއެވެ. އަދި މަޓިއޯ ގެންޑޫޒީ ހާތާ ބާލިން އަށް ދޫކޮށްލުމަށްފަހުއެވެ.


ޕާޓޭގެ އެތްލެޑިކޯ މެޑްރިޑް ޖޯޒީ ދޫކޮށްލާ އާސެނަލްގެ އާ ޖޯޒީއަށް ފިޓްވި އިރު އާސެނަލުން ވަނީ ޕާޓޭއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އާސެންލުން ބުނީ ޕާޓޭ ގެންނަން އެޓީމުން މަސައްކަތް ކުރާތާ ދުވަސްގަނޑެއް ވެއްޖެ ކަމަށާއި، އޭނާގެ މޮޅު ހުނަރާއި އޭނާގެ ކުޅުމުގެ ސްޓައިލްގެ ސަބަބުން މިއީ އާސެނަލްގެ ސްކޮޑަށް އިތުރުވި މޮޅެއް ކަމަށެވެ.

 

އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނީ "ޕާޓޭ ލާނީ އާސެނަލްގެ ޖޯޒީ ނަމްބަރު 18، އަންނަ ހަފްތާގައި އޭނާ އާސެނަލްގެ އެހެން ކުޅުންތެރިންނާއެކު ޕްރެކްޓިސްގައި ބައިވެރިވާން ފަށާނެ" ކަމަށެވެ.  


ޕާޓޭ އަކީ 2012 އިން ފެށިގެން އެތްލެޓިކޯއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އޭނާ އަކީ އެޓީމަށް 188 މެޗު ކުޅެދީ 2018 ގައި ޔުރޮޕާ ލީގް އަދި ސުޕަރ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި 2016 ގައި ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޓީމުގެ މަގާމު އެތްލެޓިކޯއަށް ހޯދަދިން ސްކޮޑްގައިވެސް ޕާޓޭ މުހިންމު ދައުރެއް އަދާކުރިއެވެ.


މިދިޔަ ސީޒަނުގައި ޕާޓޭ ވަނީ އެތްލެޓިކޯއަށް 46 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި 'ލަ ލީގާ' ގެ ތިން ވަނައިގައި އޮވެ ސީޒަން ނިންމާލި އިރުވެސް ޓީމު އެ ހިސާބަށް ގެންދިއުމުގައި ޕާޓޭ މުހިންމު ދައުރެއް އަދާކުރިއެވެ. އަދި 'ޗެމްޕިއަންސް ލީގު' ގެ ކުއާޓާރ ފައިނަލާ ހަމައަށް އެތްލެޓިކޯ ގެންގޮސްދިނީވެސް ޕާޓޭގެ މުހިންމު ދައުރެއް އޮވެގެންނެވެ.


ގާނާގެ ގައުމީ ޓީމާއެކު މިހާތަނަށް ބައިނަލް އަގްވާމީ 29 މެޗެއްގައި ޕާޓޭ ކުޅެފައިވެއެވެ.




މައުލޫމާތު ނަގާފައިވަނީ: އާސެނަލްގެ ރަސްމީ ވެބްސައިޓާއި ސްކައި ނިއުސް އިން

ފޮޓޯ: މާސާ ޑޮޓް ކޮމް

football

Leave a Comment:

Comments will be published after moderation.