News
މ. މުލީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
5 އޮކްޓޯބަރު 2020
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫއުގެ ދަށުން މ. މުލީގައި ސަރުކާރުން ތަރައްގީ ކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި ކުންފުންޏަކީ މިހާތަނަށް ގިނަ ދަނޑުތަކެއްގެ މަސައްކަތް ކޮށްފައިވާ ކުންފުންޏެކެވެ.
މި ދަނޑު ހަދާފައިވަނީރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ވެސް ހަރުކޮށްގެންނެވެ.
މި މަސައްކަތަށް 1,165,043 (އެއް މިލިޔަން އެއް ލައްކަ ފަސްދޮޅަސް ފަސްހާސް ސަޅީސް ތިނެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރަށު ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދަނޑުގެ މަސައްކަތުގައި އެހީތެރިވެދެއްވީތީ އެ ރަށުގެ ކައުންސިލާއި، ޒުވާނުންނާއި، އަދި އެރަށް ހިމެނޭ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
މުލީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވަނީ ނިންމާފައެވެ.
football