News

ށ. ފުނަދޫ ޔުނިޓީ ކަޕް 2020 – ވެޓްރަންސް: ފިރިހެން ޗެމްޕިއަންކަން 'ޑެޑީސް' އަށް

4 އޮކްޓޯބަރު 2020






ށ. ފުނަދޫ ޔުނިޓީކަޕް 2020 – ވެޓްރަންސް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން 'ޑެޑީސް އެފްސީ' ހޯދައިފިއެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި ޑެޑީސްއަށް ޗެމްޕިއަންކަން ކަށަވަރުވީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު 3-3 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.


ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑެއް ޖެހީ ޓިއާމޯސްގެ އިބްރާހިމް ޝިހާމެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ފަހަތުން އަރާ ޑެޑީސްގެ އަންމަޑޭ އާއި އަޒީޒު ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ޑެޑީސްގެ ކޮޅަށް އަނބުރާލިއެވެ. އޭގެފަހުން ދެ ވަނަ ހާފްގައިވެސް އަންމަޑޭ ވަނީ ޑެޑީސްއަށް އިތުރު ލަނޑެއް ޖަހާ 3-1 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. މާގިނައިރުތަކެއް ނުވަނީސް ޓިއާމޯސްގެ އެޓޭކް ވަރުގަދަކޮށް އެޓީމުގެ ހުސެއިން ޝިޔާމް ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފައެވެ.


ޕެނަލްޓީގައިވެސް ކޮންމެ ޓީމަކުން ހަތަރު ޕެނަލްޓީ ޖަހައިގެންވެސް ނަތީޖާ ނެރެވުނީ ދެޓީމަށް އެއްވަރުކޮށް 3-3 ކެވެ. އެހެންކަމުން އިތުރު ޕެނަލްޓީއަކަށް ދިން ފުރުސަތުގައި ޑެޑީސް އަށް ޗެމްޕިއަން ކަން ކަށަވަރުކޮށްދިނީ އަލީ ފިރާގް ޖެހި ޕެނަލްޓީ، ގޯލު ފޫއަޅުވާލުމަށް ފަހު މެޗުގެ ފަހު ޕެނަލްޓީ ޓީއާމޯސްގެ މުހައްމަދު ޒާހިރު ފޮނުވާލުމާއެކު ޑެޑީސްގެ ކީޕަރު އާދަމް ހަސަން އެ ބޯޅަ މަތަކުރުމުންނެވެ.


ރޭގެ މެޗާއި އެކު މުބާރާތް ނިންމާލި އިރު އެކި އެކި މަގާމުތަކަށް އައި ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ. އެގޮތުން ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީއާމޯސް ގެ ހުސެއިން ޝިޔާމް އެވެ. ފެއާޕްލޭ ކުޅުންތެރިޔަކީ ޑެޑީސްގެ އަޒީޒެވެ. ޓޮޕް ސްކޯރަރަކީ އެފްސީ ފަގީރާގެ އަޒުމް އެވެ. އެންމެ މޮޅު ކޯޗަކީ ޑެޑީސްގެ ކޯޗު ތޮލާލެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޓިއާމޯސްގެ ކީޕަރު ހުސެއިން އާދަމް އާއި އިބްރާހިމް ޝިހާމް އާއި ހުސެއިން ޝިޔާމް އާއި ޑޭޑީސްގެ އަހުމަދު މުހައްމަދު (އައްމަޑޭ) އަދި އަޒީޒް އެވެ.


މުޅި އެކު 9 ޓީމުން ވާދަކުރި މި މުބާރާތުގައި ފުނަދޫ ރައްޔިތުންގެ އިތުރުން އެރަށުގައި ދިރިއުޅޭ ބަނގްލަދޭޝް މަސައްކަތްތެރިންގެ ޓީމަކާއި ށ. ޅައިމަގު ޓީމެއްވެސް ވާދަކުރިއެވެ. މި މިބާރާތަކީ ފުނަދޫގެ ދެ ޒުވާނުން ކަމުގައިވާ ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މާޖިދު (މާއްޓޭ)ގެ އިސްނެގުމަކަށް ރަށުގައި ކުރިޔަށް ގެންދާ ސިލްސިލާ ކުޅިވަރު މުބާރާތްތަކެއްގެ ތެރެއިން ވެޓްރަންސް ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި އެކުވެރިކަމުގެ ފުޓްސަލްމުބާރާތެކެވެ.


މިއީ މި އުމުރުފުރާގެ ދެ ޖިންސްގެ މީހުންނަށް ހާއްސަކޮށްގެން އެރަށުގައި މިފަދަ ފުޓްސަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.



Leave a Comment:

Comments will be published after moderation.