News
ޓްރާންސްފަރ ބާޒާރު: ޕާކިސްތާނުގެ ގޯލްކީޕަރާއެކީ ފޯކައިދޫގައި އޮގީ އަދި ޗޯޓުފަދަ ހުނަރުވެރި އެތައް ޒުވާން ކުޅުންތެރިން
6 މާރިޗު 2019
އާ ސީޒަނަށް ހުރިހާ ޓީމަކުން ކުޅުންތެރިން ޓީމްތަކުން ގަނެވިއްކަމުން އަންނައިރު، މި ބާޒާރުގައި ފާހަގަ ކޮށްލަންޖެހޭ އެއް ޓީމަކީ ފޯކައިދޫ ފުޓުބޯޅަ ޓީމެވެ.
ޒުވާން ތަޖުރިބާހުރި ތިން ކުޅުންތެރިން އަލަށް އެ ޓީމަށް ގެނެސްފާވާއިރު، އެތައް ކުޅުންތެރިންނެއްވަނީ ޓީމާއެކީ އެއްބަސްވުންވެސް އާކޮށްފައެވެ. އެގޮތުން އެއްބަސްވުން އާކުރި ދެކުޅުންތެރިން ކަމަށްވާ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ޖައިލަމް މުހައްމަދު (އޮގީ) ފާހަގަ ކޮށްލެވެއެވެ. މިދެކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި ފޯކައިދޫއަށް މޮޅު ކުޅުމެއް ދެއްކި ދެ ޒުވާން ކުޅުންތެރިންނެވެ. އޮގީއަކީ މިވަގުތު ދިވެހި ފުޓުބޯޅައިގެ އެންމެ އުންމީދީ ކުޅުންތެރިޔާކަމަށް ކޯޗުންނާއި ކުޅުންތެރިންގެ ވޯޓުން ހޮވިފައިވާ ކުޅުންތެރިޔާއެވެ. މީނާވަނީ މީގެ ކުރިން ބީޖީ އަދި ވިކްޓަރީއިންވެސް ފެނިގެންގޮސްފައެވެ. 17 އަހަރުގެ ހުނަރުވެރި ޗޯޓުއަކީ ކަހުރާބާ ސައުދީ ލީގަށް ބަދަލުވުމުން އޭނާގެ ބަދަލުގައި ފޯކައިދޫއަށް ގެނައި ކުޅުންތެރިއެކެވެ. މޮޅު ކުޅުމެއް މިދިޔަ ސީޒަންގައި ދެއްކި ޗޯޓުއަކީ އީ.ޓީ.އެފް.އޭގެ ކުޅުންތެރިއެއްގެ އިތުރުން ޖަމާލުއްދީނާއެކީ އިންޓަރސްކޫލް މުބާރާތްތައް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މީގެއިތުރުން ފޯކައިދޫ ޓީމުގެ މެދަށް ކުޅެމުން އައި ހަސަން ސުފިޔާން (ސޫފީ) އަދި އަހްމަދު މުހައްމަދު (އަންމަޑޭ)ވެސް ވަނީ އެ ޓީމާއެކު ވެފައިވާ އެއްބަސްވުން އާކޮށްފައެވެ. ޓީމްގެ މެދުތެރޭގައި މުހިންމު ދައުރެއް ކުޅޭ މިދެކުޅުންތެރިންނަށް ބަލާލާއިރު، ސޫފީ ކުރިން ބީޖީ އަދި ޑަ ގޭންގްއަށް ކުޅެފައިވާއިރު، އަންމަޑޭއަކީ މާޅޮސް ޓީމަށް ދެއްކި މޮޅުކުޅުމުން ފޯކައިދޫގެ ކަޅި އެކުޅުންތެރިއަކަށް ހުއްޓުނު އެއް ކުޅުންތެރިޔާއެވެ. ޤައުމީ ޓީމަށް ކުރިން ކުޅުނު މިކުޅުންތެރިޔާ ކުރިން ވަނީ އީގަލްސް، ވިކްޓަރީ، މާޒިޔާ އަދި އޭނާ އެންމެ ގިނަ ބަޔަކަށް އިނގުނު ނިއު ޜޭޑިއަންޓްއަށް ކުޅެފައެވެ. އޭނާ ގިނަބަޔަކަށް އިނގެނީ ނިއުގެ ކެޕްޓަންގެ ގޮތުގައެވެ. މިދެކުޅުންތެރިންގެ އިތުރުން ޓީމުގައި އިތުރު ސީޒަނެއް މަޑުކުރާނެ ކަމުގެ ޔަގީންކަންދީފައިވަނީ ޕާކިސްތާނުގެ ކީޕަރެއް ކަމަށްވާ ސާޤިބްއެވެ. އޭނާވަނީ މިދިޔަ ސީޡަންގައި ފޯކައިދޫއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭގެއިތުރުން އޭނާވަނީ ޖޫންމަހު ފޯކައިދޫއަށް އަންނަން ކެތްމަދުވެފައިވާ ކަމަށްބުނެފައެވެ.
މުޅިން އަލަށް ފޯކައިދޫއަށް ސޮއިކުރި ކުޅުންތެރިންނަށް ބަލާލާއިރު ކުރިން ނިއުއަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ކަރަމް އަދި އަލީ ސާމިއު (މައިޓޯ) ވަނީ މިދިޔަ ހުކުރު ދުވަހު ފޯކައިދޫއަށް ސޮއިކޮށްފައެވެ. ކަރަމްއަކީ ނިއުއަށް ކުޅުމަށްފަހު ވެލެންސިއާ ރެލިގޭޓްވަންދެން ވެލެންސިއާއަށް ކުޅުނު ކުޅުންތެރިއެކެވެ. މީގެއިތުރުން ވީބީ އައްޑޫ އެފް.ސީއަށް ކުރިން ކުޅުނު އަހްމަދު އަމްޖަދު (އަމްޖު)ވެސް ވަނީ މިދިޔަ އާދިއްތަ ދުވަހު ފޯކައިދޫއަށް ސޮއިކޮށްފައެވެ. ވާތްފަރާތުން މޮޅު ކުޅުމެއް ކުޅޭ މިކުޅުންތެރިޔާވަނީ މާޅޮސް ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
އަލުން ޓީމާ ގުޅޭނެކަމަށް އަޑުއަރާފައިވާ ކުޅުންތެރިންނަށް ބަލާއިރު މުސްތަފާ މަހްމޫދު (ކަހުރާބާ)، ޚަލީލް ގަމާލް އަދި ސައީދު މަހްމޫދު (ރާމޮސް) ހިމެނެއެވެ. އަހްމަދު ސިޒާން (ސިއްޕެ) އަދި އަހްމަދު ވިޖުދާން (ވިޖޫ) ޓީމާވަކިވެ ޑަ ގޭންގާ ގުޅޭނެކަމުގެ އަޑުތަކެއްވެސް ވަނީ އަރާފައެވެ.
ޖުލައި މަހު އާ ސީޒަން ފެށެންވާއިރަށް އެކި ޓީމްތަކުން ދަނީ މޮޅެތި ކުޅުންތެރިން އެ ޓީމްތަކަށް ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. ޚާއްސަކޮށް ފަހަކަށް އައިސް ސަސްޕެންޝަނުގައިވާ ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އެ ޓީމް ދޫކޮށް އެހެން ޓީމްތަކާ ގުޅެމުން ދާކަން ފާހަގަކޮށްލެވެއެވެ.
Dhivehi Premier League Foakaidhoo Sports Club