News

އޭއެފްސީ ކޮންވެންޝަންގެ "ބީ" ލެވަލްގައި ރާއްޖޭގެ އެފްއޭ އެޕްރޫވް ވެއްޖެ

2 އޮކްޓޯބަރު 2020






 އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީ ކޯޗިން ކޮންވެންޝަންގެ ދަށުން އޭއެފްސީ ކޯޗިން "ބީ" ލައިސަންސް ކޯސް ހިންގުމުގެ ހުއްދަ އެފްއޭއެމަށް ލިބިފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ.


މި ހުއްދަ އާ އެކު މިހާރު އޭއެފްސީ އެފްރޫވް ކުރާ "ބީ" ލެވަލްގެ ސެޓްފިކެޓް ރާއްޖޭގެ އެފްއޭއެމް އަށް އެޕްރޫވް ކުރުމުގެ ހުއްދަ ލިބޭނެއެވެ. 


އެފްއޭއެމް އަށް މި ހުއްދަ ލިބުނީ ރާއްޖޭގައި ތިބި އޭއެފްސީގެ ދެ އިންސްޓްރަކްޓުންކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) ދާދި ފަހުން ހިންގި "ބީ" ލައިސަންސް ކޯސް އޭއެފްސީން ބަލާ މިންގަނޑަށް ހިންގާފައިވާތީ އެވެ. 


މިހުއްދަ ލިބުމުގެ ކުރިން އޭފްސީ ގަބޫލުކުރާ "ބީ" ލައިސަންސް ހިންގާނަމަ އޭއެފްސީން އެކޯސް މޮނިޓަރ ކުރަން މަންދޫބަކު ފޮނުވާނެއެވެ. އަދި ކޯސް އެމިންގަނޑަށް ފެތޭނަމަ އޭއެފްސީން އެކޯސް އެޕްރޫވް ކުރާނެއެވެ. ނަމަވެސް މިހާރު އޭއެފްސީން މަންދޫބަކު ނުފޮނުވާވެސް ރާއްޖޭގައި "ބީ" ލައިސަންސް ކޯޗިން ކޯސް، ޝާޒް އާއި ޑުންގާގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުމަށް އެފްއޭއެމް އަށް މިވަނީ މަގުފަހިވެފައެވެ.

 

ޝާޒްލީ އަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗެވެ. ޑުންގާގެ އަތުގައި އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އޮވެ އެވެ. 

 އޭފްސީ އިންސްޓެރަކްޓަރ ޝާޒް ބޯޅައެމްވީ އަށް ބުނީ މި ހުއްދަ އަކީ ފާއިތުވި އަހަރު އެފްއޭއެމްގެ ކޯޗިން ޑިޕާޓްމެންޓުން ކުރި ބުރަމަސައްކަތުގެ ނަތީޖާ ކަމަށެވެ.  ދެން ރާއްޖެ މަސައްކަތް ކުރަންވީ ކޯޗިން "އޭ" ލައިސްންސް އަދި ޕްރޯ ލައިސަންސް ހެދުމުގެ ހުއްދަ ހޯދުމަށް ކަމަށް ވެސް ޝާޒް ބުންޏެވެ.


"ރާއްޖޭގައި މިހާރު ޕްރޯ ލައިސަންސް އޮތް ދެ ކޯޗުންނާއި އަދި "އޭ" ލައިސަންސްގެ އޮތް ކޯޗުން އެބަތިބި. އެހެންވީމަ އެލެވަލް އަށް ދާން މަސައްކަތް ކުރަންވީ" ޝާޒް ބުންޏެވެ.


  މި ހުއްދައާއި އެކު  ރާއްޖެ ވެގެންދާނީ މިސަރަހައްދުން ކޮންވެންޝަނަށް އެޕްރޫވްވި ތިން ވަނަ ގައުމަށެވެ. މިސަރަހައްދުން މިީގެ ކުރިން އެޕްރޫވް ވެފައިވަނީ އިންޑިއާ އާއި ބަނގްލަދޭޝް

 އެވެ. ރާއްޖެއަށް މި ހުއްދަ ލިބުނު ކަން އާންމުންނާއި ހިއްސާ ކޮށްފައިވަނީ އިއްޔެ އެފްއޭއެމް އިން ނެރުނު ބަޔާނެއްގައެވެ.


ފޮޓޯ: އެފްއޭއެމްގެ ފޭސްބުކް ޕޭޖް 



Leave a Comment:

Comments will be published after moderation.