News
ކަންބޮޑުވުންތައް ހިފައިގެން ރައީސްގެ އަރިހަށްދާން ފުޓްބޯޅަ ކޯޗުން ތައްޔާރުވަނީ
2 އޮކްޓޯބަރު 2020
ދިވެހި ޕްރިމިއާ ލީގުގެ ކޯޗުން
ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު
ޝޯލިހް އާއި ބައްދަލުކުރެއްވުމަށް
ތައްޔާރުވަމުން އެބަދެއެވެ.
ދިވެހި ޕްރިމިއާ ލީގުގައި
ހިމެނޭ ކުލަބުތަކުގެ ކޯޗިންގ ސްޓާފުންގެ މެދުގައި ރޭ ބޭއްވި މަޝްވަރާތަކެއްގައި
ކޯޗުން ވަނީ ކޮވިޑް-19 ގެ ސަބަބުން ފެބުރުއަރީން ފެށިގެން ފުޓްބޯޅަ
ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސް އަށް
ހުށަހަޅާނެ ކަންކަމާއިމެދު މަޝްވަރާ ކޮށްފައެވެ.
ކޯޗުންގެ
ކަންބޮޑުވުންތަކުގެ ތެރޭގައި ފުޓްބޯޅަ ހުއްޓާލާފައި އޮތުމުގެ ސަބަބުން
ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަވެސް ހުއްޓިފައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.
އަދި ކުޅިވަރަކީ ޕްރޮފެޝަނެއްގެ ގޮތުގައި ބަލައިނުގަންނަ ނަމަ ކުޅިވަރަށް
ކުރިއެރުމެއް ނުވަތަ މުސްތަގްބަލެއް ނެތް ކަމަށް ކޯޗުން ފާހަގަ ކުރިއެވެ.
އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ހުޅުވާލި ސްޓިމިއުލަސް ޕެކޭޖަށް
އެދުމުގެ ފުރުސަތުވެސް ކޯޗުންނާއި ފުޓްބޯޅަ ކުޅުންތެރިންނަށް ނެތް ކަމަށް ކޯޗުން
ބުންޏެވެ. އަދި ކޯޗުންގެ މުސާރައިގެ ބައެއް ހަމަޖެއްސުމަށް ސްޕޯޓްސް މިނިސްޓްރީގެ
ބަޖެޓްގައި އޮންނަ ކަމަށާއި އެހެންނަމަވެސް ކޯޗުން ފިޔަވާ އެހެން ހުރިހާ ކުޅިވަރަކާއި ގައުމީ
ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދޭކަން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން ކޯޗުން
އެދެނީ މިހާރުން މިހާރަށް ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމާއި،
ފަރިތަކުރުންތައްވެސް ކުރިޔަށް ގެންދިއުމުގެ ހުއްދައަށް ކަމަށާއި، ކޮވިޑްގެ ހާލަތު
ރާއްޖެއަށް ވުރެ ގޯސް ގައުމުތަކުގައިވެސް ފުޓްބޯޅަ ކުރިޔަށް ގެންދާ ކަމަށް ކޯޗުން
ފާހަގަ ކުރިއެވެ.
މި ކަންބޮޑުވުންތައް
ހިއްސާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ދިއުމަށް ކޯޗުން ނިންމީ
ފެބްރުއަރީ މަހުން ފެށިގެން އެތައް ސަތޭކަ ކުޅުންތެރިންނާއި އެކުޅުންތެރިންގެ
އާއިލާތަކަށް އަދި ކޯޗުންގެ އާމްދަނީއަށް ހީނަރުކަން އައިސްފައިވާތީ އެކަމުން
އަރައިގަތުމަށް ވީ އެންމެ އަވަހަކަށް ފުޓްބޯޅައިގެ ހަރަކާތްތައް ފެށި އާމްދަނީ
އިޔާދަކުރެވޭނެ މަގެއް ފެނޭތޯ ރައީސް އަށް ދެންނެވުމަށެވެ.
މީގެ ކުރިންވެސް ކޯޗުންނާއި ފުޓްބޯޅަ ކުޅުންތެރިން ވަނީ
މާލޭގައި ފުޓްބޯޅަ ހުއްޓާލާފައި އޮންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް
މީޑިއާގައި އަދި ރަސްމީ މީޑިއާގައިވެސް އެ ވާހަކަތައް ހިއްސާ ކޮށްފައެވެ. މާލޭގައި
ފުޓްބޯޅައަށް ހުއްދަ ނުދީ އޮތްނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ
ފޯރީގައި ފުޓްސަލް މުބާރާތްތަކާއި އެހެނިހެން ކުޅިވަރު މުބާރާތްތައް
ބާއްވަމުންނެވެ.
ފައިލް ފޮޓޯ: ރައީސް އޮފީސް