News

ދެބަސްވުންތަކާއި އެކުވެސް މެސީ ބާސާ އާއި އެކު ކުރިޔަށް

30 ސެޕްޓެމްބަރު 2020






ސްޕެއިންގެ ބާސެލޯނާގެ ބޯޑުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ މެދު ފާޅުކަންބޮޑު ގޮތެއްގައި އެ ކުލަބުގެ ތަރި ލައޮނަލް މެސީ ދެއްކި ވާހަކަތަކަށް މައާފަށް އެދި، ކުލަބާއެކު ކުރިޔަށްދިއުމަށް އެއްބަސްވެއްޖެއެވެ.


ބާސާގެ އެކަޑަމީން ތަމްރީނުވި މެސީ ވަނީ އެ ކުލަބާއެކު ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައެވެ. އަދި ގިނަ ކާމިޔާބީތަކެއްވެސް އޭނާ ވަނީ އެ ކުލަބާއެކު ހޯދާފައެވެ. އެގޮތުން ކުލަބް ލެވެލްގައި މެސީ މިހާތަނަށް ނުހޯދާ ކާމިޔާބެއް ނެތެވެ. 


މެސީ ވަނީ ނިމިދިޔަ ޓްރާންސްފަރ ބާޒާރުގައި ބާސާ ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ބާސާގެ ބޯޑުން ވަނީ މެސީގެ އެއްބަސްވުމުގައިވާ ގޮތުން ބޮޑު ފީއެއް ދެއްކުމަށް އަންގާފައެވެ. އެއާއެކު މެސީ ވަނީ އިތުރަށް ކުލަބާއި މައްސަލަ ޖެހެން ބޭނުންނުވާ ކަމަށް ބުނެ ބާސާއާއެކު ކުރިޔަށްދިއުމަށް ނިންމާފައެވެ. އަދި އޭނާ ހޯދުމަށް ބޮޑު ފީއެއް ދެއްކުމަކީ އެއްވެސް ކުލަބަކަށް ކުޅަދާނަކަމެއް ނޫންކަމަށްވެސް މެސީ ބުންޏެވެ. 


މެސީ ހޯދުމުގެ ރޭހުގެ ކުރީގައި އޭރު އުޅުނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއެވެ. އެ ކުލަބުން ރަސްމީކޮށް ބިޑުނުކުރި ނަމަވެސް މެސީގެ ޓްރާންސްފާ ފީ ކަމަށްވާ 700 މިލިއަނަށްވުރެ ގިނަ ޑޮލަރު ބައިބަޔަށް ބަހާލައިގެން ދެއްކުމަށް ނުރަސްމީކޮށް އެއްބަސްވެފައެވެ. އަދި މެސީގެ ބައްޕަވެސް ވަނީ ސިޓީގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.


ކުލަބާއެކު އެއްވެސް މައްސަލައެއް ނެތްކަން ހާމަކޮށް ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ އޭނާގެ ފަރާތުން އެއްވެސް ގޯސްކަމެއް ހިނގާފައިވާނަމަ އެކަމަށް މާފަށް އެދޭ ކަމަށް ބުނެފައެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ ހިނގާފައިވަނީ ބާސާގެ ލާބަޔާ މަންފާއަށް އޭނާ ވިސްނާތީ ކަމަށް މެސީ ބުންޏެވެ. އަބަދުވެސް ކްލަބަށް އެންމެ ރަނގަޅު ގޮތް އެދޭ ކަމަށް މެސީ ބުންޏެވެ. އަދި ދެބަސްވުންތަކަކަށްފަހު އެކުވެރިކަމާއެކު އައު ސީޒަނާއި ކުރިމަތިލާން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.


އައު ސީޒަނުގެ ފުރަތަމަ މެޗުގައި ބާސާގެ ކެޕްޓަން ބޭންޑް އަޅައިގެން މެސީ ކުޅުނުއިރު 4-0 އިން އެޓީމު މޮޅުވި މެޗުގައި މެސީ ވަނީ ލަނޑެއް ޖަހާފައެވެ. ކުރިޔަށް އޮތް މެޗުގައި ބުރާސްފަތި ދުވަހު ބާސާ ނުކުންނާނީ ސެލްޓަ ވީގޯއާ ދެކޮޅަށެވެ. 


މެސީ ވަނީ މިއަހަރަކީ ބާސެލޯނާއާއެކު އޭނާގެ އެންމެ ފަހު ސީޒަންކަމަށް ހާމަކޮށްފައެވެ.



Leave a Comment:

Comments will be published after moderation.