News
ސައްމެ ގްރީން ސްޓްރީޓްސްއަށް
5 މާރިޗު 2019
މާޒިޔާގެ ދިފާއީ ރޯލުތަކަށް ކުޅެމުން އައި ގާސިމް ސައްމާމް (ސައްމެ) ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.
ސައްމެއަކީ އޭނާގެ ރަށް ކަމަށްވާ މަހިބަދޫގެ ފުޓުބޯޅަ ޓީމާއެކު 2014 އަދި 2015 ވަނަ އަހަރު ޕްރިމިއަރ ލީގުގައި އޭނާގެ ކޮއްކޮ އަލީ ސަމޫހު (ސަމުއްޓޭ) އާއެކު ވިދާލި ކުޅުންތެރިއެކެވެ. ދެބެންގެ މޮޅު ކުޅުމާއެކު 2016 ވަނަ އަހަރު މާޒިޔާއިންވަނީ މި ދެކުޅުންތެރިން ހޯދާފައެވެ. މޮޅުކުޅުމުގެ ސަބަބުން 2015ވަނަ އަހަރު ސައްމެވަނީ 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ހޮވި ދިވެހި ޒުވާން ޓީމާއެކު އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ޤައުމު ތަމްސީލުކޮށްފައިވެއެވެ. އެއަށްފަހު ސީނިއާ ޤައުމީ ޓީމުގައިވެސް މީނާވަނީ ހިމެނިފައެވެ. ނަމަވެސް މާޒިޔާގެ ފުރަތަމަ އެގާރައަށް އެރުމުގެ ފުރުސަތު ލިބޭމިންވަރު މަދުވުމާއެކީ ފަހަކަށް އައިސް ޤައުމީ ޓީމުން ސައްމެ ފެނުންވަނީ ނާދިރު ކަމަކަށްވެފައެވެ. ނަމަވެސް އެޔާ ޚިލާފަށް އޭނާގެ ކޮއްކޮއަކީ މިހާރު ބަރާބަރަށް ޤައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.
ގްރީން ސްޓްރީޓްސްއިން ވަނީ ސައްމެގެ އިތުރުން އެތައް ތަޖުރިބާކާރު މޮޅު ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އެގޮތުން ދިވެހިން އެކުޅުންތެރިއަކަށްޓަކައި ފަޚުރުވެރިވާ އަލީ އަޝްފާޤް (ދަގަނޑޭ)، އަދި ނިއުއަށް މިދިޔަ ސީޒަންގައި ކުޅުން މުހައްމަދު އުމައިރު ހިމެނެއެވެ. މީގެ އިތުރުން އެ ޓީމްގެ ގޯލް ބެލެހެއްޓި މޮޅު ކީޕަރ ލަބާން ޝަރީފް ވަނީ އޭނާގެ އެއްބަސްވުން ކްލަބާއެކު އާކޮށްފައެވެ.
ސައްމެގެ އިތުރުން މާޒިޔާ ދޫކޮށް އިސްމާއިލް އީސަ (މެސީ) އަދި ޔަސްފާދު ހަބީބު (މުލަކޭ) ވެސް ވަނީ އެހެން ޓީމް ތަކަށް ބަދަލިވެފައެވެ. އެގޮތުން މުލަކޭ ޑަ ގޭންގްއަށް ބަދަލުވިއިރު މެސީ ބަދަލުވީ ޓިސީއަށެވެ. ނަމަވެސް މާޒިޔާއިން ވަނީ މިއަދު އިތުބާރު ފޯވާޑު ހަމްޒާގެ ސޮއި ހޯދާފައެވެ.
ޖޫންގައި އާ ފޯމެޓާއެކު ޕްރިމިއަރ ލީގު ފަށާއިރު ޓްރާންސްފަރ މާކެޓް ފެންނަނީ ވަރަށްވެސް ހަލަބޮލިކޮށެވެ. އެގޮތުން ނަން މަޝްހޫރު ކުޅުންތެރިން އެކި ޓީމްތަކަށް ސޮއިކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ޔޫތު ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިންވެސް ސީނިއަރ ޓީމްތަކުން އަންނަނީ ހޯދަމުންނެވެ. މިފަހަރުގެ ސީޒަން ވެގެންދާނީ ކޮންމެއަކަސް ދިވެހި ފުޓުބޯޅައަށް އާ ފެށުމެއްގެ އިތުރުން ފޯރިވެސްގަވާނެ ފަދަ ފެށުމެކެވެ. ދިވެހިނެގެ ހިތުގައި ދިވެހި ފުޓުބޯޅައަށް މީގެ ކުރިން އޮތް ލޯބި އަލުން އާލާކުރުމަށް އެކި ފެންވަރުގައި އަމިއްލަ ފަރާތްތަކާއި، ސަރުކާރު އަދި އެފް.އޭ.އެމްއިން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޯޗިން ކޯސްތަކާއި، ފުޓުބޯޅަ ފެސްޓިވަލް އަދި ހާއްސަކޮށް އަމިއްލަ ފަރާތަކުން އިސްނަގައިގެން އޭދަފުށީގައި އަޅާފައިވާ ދަނޑު ފާހަގަ ކޮށްލެވެއެވެ.
ފޮޓޯ: ފޭސްބުކް/ކްލަބް ގްރީން ސްޓްރީޓްސް
Club Green Streets Dhivehi Premier League FAM Maziya Sports and Recreation Club