News
މެސީ ދިފާއުގައި ނިކުތުމުން ފަހްރުވެރިވޭ، އެތްލެޓިކޯ މެޑްރިޑް މީ ބޮޑުހިތްވަރެއް: ސުއަރޭޒް
27 ސެޕްޓެމްބަރު 2020
ބާސެލޯނާގެ އުމުރުން ދޮށީ ކުޅުންތެރިން
ސްކޮޑް ބާކީކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އެޓީމުގެ ލުއިސް ސުއަރޭޒް
ވިއްކާލިގޮތާއިމެދު ސުވާލު އުފައްދާ އޭނާގެ ދިފާއުގައި އެޓީމުގެ ކެޕްޓަން ލިއޮނަލް
މެސީ ތެދުވުމުން ފަހްރުވެރިވާކަމަށް ސުއަރޭޒް ބުނެފިއެވެ.
އުރުގުއޭއަށް ނިސްބަތްވާ ސުއަރޭޒް
ބުނީ ލަލީގާ ގައި ބާސާއާއި ވާދަވެރި އެތްލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވުމުން އޭނާގެ
ގާތް އެކުވެރިޔާ މެސީގެ އޭނާގެ ދިފާއުގައި ނިކުތުމުން އުފާ ކުރާ ކަމަށެވެ.
"ލިއޯ ވަރަށް ރަނގަޅަށް އަހަރެން ދަނޭ، އަދި އަހަރެންގެ ފެންވަރުވެސް އެނގޭ، މިއީ އަހަރެން ބާސާއާއި އެކު ދޫކޮށްފަ އައި 'ޕޮސިޓިވް ލެގަސީ' އާއި މެދު ފަހުރުވެރިވާ ކަމެއް" ސުއަރޭޒް ބުންޏެވެ.
ބާސާއަށް 13 ތަށި
ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރި ސުއަރޭޒް ބުނީ އޭނާއާއި މެދު
އެހެންމީހުންދެކޭ ގޮތް ރަނގަޅުކަން އެނގުމުން ނުވަތަ އެ 'ޕޮސިޓިވް އިމްޕްރެޝަން'ގެ
ސަބަބުން ފަހުރުވެރިވާ ކަމަށާއި، މިހާރު ބާސާއާއި ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި
ގުޅުމަކީ އޭނާއަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
ބާސާއިން 33 އަހަރުގެ ސުއަރޭޒް ދޫކޮށްލުމުން މިހަފްތާ ގައި އެތްލެޓިކޯ މެޑްރިޑާއި އޭނާ ގުޅުނީ 60 މިލިއަން ޔޫރޯގެ ބޮޑު އަގަކަށެވެ. އެތްލެޓިކޯ މެޑްރިޑުން ވަނީ ސުއަރޭޒްއަށް ހޫނު މަރްހަބާއެއް ކިޔާފައެވެ. ސުއަރޭޒްގެ މި ބަދަލާއި އެކު މެސީ ބުނީ ސުއަރޭޒް ބާސާއިން ބޭރުކޮށްލީ ކަމަށާއި އޭގައި އޭނާ ހައިރާންވާ ކަމެއް ނެތްކަމަށެވެ.

މެޗެއްގައި ބާސާއަށް ލަނޑެއް ޖެހުމާއި އެކު މެސީއާއި ސުއަރޭޒް ޔޫއުފާފާޅުކުރަނީ
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސުއަރޭޒް ޓީމުން ބާކީ ކުރީ އެޓީމާ އަލަށް ހަވާލުވެގެން އުޅޭ ކޯޗު ކޫމަން އެވެ. ކޫމަން އޭނާއަށް އެކަން އެންގީ ފޯނުކޯލަކުން ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. މިކަމާއި ގުޅިގެން މެސީވަނީ ބާސާގެ ރައިސް ޖޯސެފް މާރިއާ ބާޓޮމެއޫ އާއި އޭނާގެ މެނޭޖްމެންޓްގެ ދޯދިޔާކަން ފާހަގަކޮށް މެނޭޖްމަންޓަށް ފާޑުކިޔާފައެވެ.
އަދި އިންސްޓަރގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި މެސީ ބުނީ ބާސާއިން ސުއަރޭޒް ބޭރުކުރީ ރަނގަޅަށް ނޫން ކަމަށާއި، ސުއަރޭޒަށް ހައްގުވާ މިންވަރުގެ މަސައްކަތެއްވެސް ބާސާއިން ސުއަރޭޒަށް ކޮށްދީފައި ނެތް ކަމަށެވެ.
ސުއަރޭޒް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 36 މެޗުގައި ބާސާއަށް 21 ގޯލު ކާމިޔާބުކޮށްދީ ފައެވެ. އެހެންނަމަވެސް ބާސާގެ އާ ކޯޗު، ރޮނާލްޑް ކޫމަންގެ ސްކޮޑްގައި އޭނާއަކަށް ޖާގައެއް ނެތެވެ. ސުއަރޭޒް ބުނީ ކެޓަލޯނިއާގައި ހޭދަކުރި ހަނދާނީ 6 އަހަރަށްފަހު ސްޕެއިންގެ އަނެއްކާވެސް ސްޕެއިންގެ ބޮޑު ކުލަބަކާއި ގުޅުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ސުއާރޭޒް، ނޭމާ، އަދި މެސީ ބާސާގެ ފަރިތަކުރުންތަކެއްގައި ބައިވެރިވަނީ
ފުރަތަމަ ސީޒަނުން ފެށިގެން ސުއަރޭޒް ވަނީ ބާސާގެ ކެޕްޓަން މެސީއާއި ނޭމާ ފަދަ ކުޅުންތެރިންނާއި އެއްސަފެއްގައި ވިދާލާފައެވެ. މި ތިން ކުޅުންތެރިން އެކުގައި ބާސާއަށް ގިނަ ކާމިޔާބީތައް ހޯދަދިން އިރު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ލަލީގާ އާއި ކޮޕާ ޑެލް ރޭ އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެގެ ޗެމްޕިއަންކަން ހޯދައިދިނުން ހިމެނެއެވެ.
ބާސާއާއި އެކު ސުއަރޭޒް ހޭދަކުރި ދެވަނަ ސީޒަނުގައި އޭނާ ވަނީ ދެވަނަ ފަހަރަށް ޔޫރަޕިއަން ގޯލްޑެން ޝޫ ހޯދާފައެވެ. އެފަހަރަކީ 2009ގެ ފަހުން މެސީ އާއި ރޮނާލްޑޯ ނޫން އެހެން ކުޅުންތެރިއަކު، ޔޫރަޕްގެ ރަން ބޫޓް ހާސިލް ކުރި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ކޮންމެ އަހަރަކުވެސް ޔޫރަޕްގެ ރަންބޫޓު ލިބެމުން އައީ މެސީ ނުވަތަ ރޮނާލްޑޯއަށެވެ.
ބާސާގެ ތާރީހުގައި މި ރަން ވަނަތައް އަބަދުވެސް ސުއަރޭޒާއި ގުޅިފައި ހުންނާނެއެވެ. ބާސާގެ ކެޕްޓަން މެސީ ބުނީ ސުއަރޭޒް އެހެން ޖޯޒީއެއްގައި ކުޅޭތައް ދެކުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. މެސީގެ އިތުރުން ބާސާގެ އެހެން ކުޅުންތެރިންނަށްވެސް ސުއަރޭޒް ނެތްކަމުގެ ފަޅުކަން އިހްސާސްވާނެ ކަމަށް ބެލެވެއެވެ.
football