News

ހުރައާއި އެކު ވެޓްރަންސް މެޗެއް ކުޅުމަކީ ލިބުނު ޝަރަފެއް: ގާފަރު

26 ސެޕްޓެމްބަރު 2020






ކ.ގާފަރާއި ކ. ހުރާގެ ކުރީގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމުގެ ވެޓްރަންސް ފުޓްބޯޅަ މެޗެއް ކުޅެފި އެވެ. ރޭ ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ކުޅުނީ ހުރާ ފުޓްބޯޅަ ދަނޑުގައެވެ.

ގާފަރު ޓީމުން ބުނީ ހުރައާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަކީ ގާފާރު ކުޅުންތެރިންނާއި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ޝަރަފެއް ކަމަށެވެ.
ރޭގެ މެޗުގައި  މޭން އޮފް ދަ މެޗަކަށް ހޮވުނީ ގާފަރު ޓީމުގެ މުހައްމަދު ނަޝާތުއެވެ. 

ރޭގެ މެޗުގައި ހުރާ  ޓީމުގައި ކުރީގެ ގައުމީ ޓީމުތަކުން ވިދާލި ބައެއް ކުޅުންތެރިން ވެސް ހިމެނެއެވެ. އެ ކުޅުންތެރިންގެތެރޭގައި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ އަލީ ޝިޔާމް، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މައުސޫމް އަބުދުލް ގާދިރު (މާސޭ) އާއި  ކުރީގެ ހުރާ އެފްސީގެ ކެޕްޓަން އަބުދުﷲ އިބްރާހިމް  (އަބުޅޯ) އާއި ކުރީގެ ގޯލްކީޕަރު އިސްހާގް އީސާވެސް ހިމެނެއެވެ. 

ހުރާއަކީ ގައުމީ ފުޓްބޯޅަ އަށް ރަންވަނެއްތަކެއް ހޯދައިދީ ގައުމީ ފުޓްބޯޅައިގައި ވިދާލި ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ރަށެކެވެ.
ހުރައާއި ގާފަރުން ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް ކުޅެފައެވެ. މިމެޗު ކުޅުނީ 11 ސެޕްޓެމްބަރު ގައެވެ. ގާފަރުގައި ކުޅުނު އެމެޗު 3-0 ކާމިޔާބުކުރީ ގާފަރުންނެވެ. އެމެޗުގައި ގާފަރަށް 2 ލަނޑު ޖަހައިދިނީ މުހައްމަދު ނަޝާތުއެވެ. 3 ވަނަ ލަނޑު ޖަހައިދިނީ އަޒްމީން ޒާހިރެވެ.

މި ދެމެޗަކީ ދެ ރަށުގެ ކައުންސިލުން ރާވާ އިންތިޒާމް ކުރި ދެ މެޗެވެ ގާފަރު ކައުންސިލުގެ ނައިބުރައީސް އާއިޒް އަބްދުލް އަޒީޒް ބޯޅައެމްވީއަށް ވިދާޅުވީ މިދެމެޗަކީވެސް ދެރަށުގެ ގުޅުން ބަދަހިވެގެންދިޔަ ކާމިޔާބު ދެ މެޗު ކަމަށެވެ.  



Leave a Comment:

Comments will be published after moderation.