News
ޕީއެސްޖީގެ ރައީސަށް ޖަލު ހުކުމެއް އިއްވަން ޖެހޭ: ޕްރޮސިކިއުޓަރުން
24 ސެޕްޓެމްބަރު 2020
ޕީއެސްޖީގެ ރައީސް ނަސީރު އަލް ހެލައިފީއަށް ޖަލު ހުކުމް އިއްވުމަށް ސްވިޑްޒަލޭންޑުގެ ޕްރޮސިކިއުޓަރުން އެދިއްޖެއެވެ.
ގަތަރު ވިޔަފާރިވެރިއެއް ކަމުގައިވާ ނަސީރަށް ޖަލު ހުކުމެއް އިއްވަން އެދިފައިވަނީ އޭނާގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި ގުޅިގެންނެވެ. ނަސިރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލާފައިވަނީ ގަތަރުގެ ޓީވީ ޗެނަލަކަށް ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ހޯދައިދިނުމަށް ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ އަށް ރިޝްވަތު ދިން ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.
ޕްރޮސިކިއުޓަރުން ބުނީ ފީފާ ވޯލްޑްކަޕްގެ ޓީވީ ރައިޓްސްގެ ކަންކަމުގައި ޕީއެސްޖީގެ ރައީސް އާއި ވަލްކޭ އަދި އެހެނިހެން ވިޔަފާރިވެރިންތަކެއް ނާޖާއިޒު ފައިދާ ލިބޭ ފަދަ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށެވެ. ނަސީރުގެ މައްޗަށް ވަނީ ޔުއެފާ އެކްޒެކެޓިވް ބޯޑް މެންބަރުކަމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ގޮތުގައި ނުފޫޒު ފޯރުވާ ބާރުގެ ބޭނުންކޮށްގެން މަންފާއެއް ހޯދުމުގެ ދައުވާ ވެސް އުފުލާފައިވެއެވެ.
ނަސީރު ރިޝްވަތު ދިން ކަމަށް ބުނާ ވަލްކޭ މިހާރު ހުރީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވުމާއި ގުޅިގެން ފީފާއިން ސަސްޕެންޑްކޮށްފަ އެވެ