News
ބަކާ ގްރީންސްޓްރީޓް ދޫކޮށް ޔުނައިޓެޑް ވިކްޓްރީއަށް
24 ސެޕްޓެމްބަރު 2020
ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ޔުނައިޓެޑް ވިކްޓްރީ އަށް ސޮއި ކޮށްފިއެވެ.
ކުރިޔަށް އޮތް 2020/2021 ސީޒަނަށް ބަކާ ޔުނައިޓެޑް ވިކްޓްރީ އާއި ގުޅުނުކަން އެކުލަބުން އިއުލާނު ކޮށްފައިވަނީ އެ ކްލަބްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ގައެވެ.
އެންމެ ފަހުން ގްރީންސްޓްރީޓަށް ކުޅުނު ބަކާއަކީ ގައުމީ ފުޓްބޯޅައިގައި ރަންވަނަތަކެއް ހޯދާފައިވާ ތަޖްރިބާކާރު ސީނިއާރ ކުޅުންތެރިއެކެވެ.
ރަސްމީ ފުޓްބޯޅައިގެ ތެރެއަށް ބަކާ ތައާރަފްވީ 2004 ވަނަ އަހަރު އައިއެފްސީންނެވެ. އޭގެފަހުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުޅުމުގެ ފުރުސަތު ލިބިފައިވާ ބަކާ ވަނީ މިޔަންމާގެ ޓީމަކަށްވެސް އެއްއަހަރު ދުވަހު ކުޅެދީފައެވެ. ރާއްޖޭގެ ކުލަބްތަކުގެ ތެރެއިން އައިއެފްސީގެ އިތުރުން ބަކާ ކުޅެފައިވަނީ ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއުރޭޑިއަންޓް، މާޒިޔާ، ވިކްޓްރީ، އީގަލްސްގެ އަދި ގްރީން ސްޓްރީޓަށެވެ.
މިއަހަރު ކެންސަލްކުރި އޭއެފްސީ ކަޕްގައި މާޒިޔާއަށް ކުޅުމަށް ވެސް ބަކާ ވަނީ އެޓީމާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބުތަކުން އަންނަނީ ބޮޑެތި ހޭދަކެއް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑް ވިކްޓްރީން ވަނީ ޓީމު ވަރުގަދަ ކުރުމަށް ބަކާގެ އިތުރުން އީގަލްއަށް ކުޅެމުންދިޔަ އިސްމާއިލް ފަރުހާދާއި އަހުމަދު ނިޒާމްގެ ސޮއި ހޯދާފާއެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގައި އެންމެބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވާ އެއް ކުޅިވަރު، ފުޓްބޯޅަ އަލުން ފެށޭނެ ދުވަހެއްވެސް އަދި ކަނޑައެއް ނާޅައެވެ.
United Victory Bakaa