News
ފުނަދޫ ޔުނިޓީ ކަޕް: ވެޓްރަންސް މުބާރާތުގައި ބަންގްލަދޭޝް ޓީމެއް ވެސް ހިމެނޭ
23 ސެޕްޓެމްބަރު 2020
ށ. ފުނަދޫގައި ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ ޔުނިޓީ ކަޕް 2020 –
ވެޓްރަންސް ފުޓްސަލް މުބާރާތް މިމަހުގެ 25 ގައި
ފަށާގޮތަށް ހަމަޖައްސާ ޓީމުތަކުގެ މެދުގައި ގުރުއަތުލުންވެސް ބާއްވައިފިއެވެ.
ފުނަދޫގައި ޔުނިޓީ ކަޕް އިންތިޒާމް ކުރާ ދެ ޒުވާނުންނަކީ
ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މާޖިދު (މާއްޓޭ) އެވެ. ސްޕޮންސަރުންގެ
އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މި މުބާރާތުގައި ވާދަކުރުމަށް ދެ ޖިންސުގެ
ވެޓްރެންސް ޓީމުތަކަށް ހުޅުވާލި ފުރުސަތު 17 ސެޕްޓެމްބަރުގައި ހަމަވިއިރު ފިރިހެން
9 ޓީމާއި އަންހެން 4 ޓީމުން ބައިވެރިވެއެވެ.
ފުނަދޫގައި ބާއްވާ ޔުނިޓީ ކަޕަކި ޒުވާން އުމުރުގެ
މީހުންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު މުބާރާތްތަކެއްކަން ފާހަގަކޮށް ހުސެއިން
އަރީފް (ޔޫކޭ) ބުނީ "މިއީ ކުޅިވަރާއި ދުރަސްގޮސްތިބި މަތީ އުމުރުގެ މީހުން
ކަސްރަތާއި ކުޅިވަރަށް އަހުލުވެރި ކުރުވުމުގެ ބޭނުމުގައި އިންތިޒާމް ކުރި
މުބާރާތެއް" ކަމަށެވެ
މުބާރާތުގައި ބައިވެރިވެރިވުމުގެ ފުރުސަތު ހުޅުވާލީ 35
އަހަރުން މަތީގެ ފިރިހެނުންނާއި 30 އަހަރުން މަތީގެ އަންހެނުންނަށެވެ. މި
މުބާރާތުގައި ފުނަދޫގައި މަސައްކަތް ކުރާ ބަނގްލަދޭޝް މަސައްކަތެރިން ހިމެނޭ
ޓީމަކަށްވެސް ފުރުސަތެއް ދީފައިވެއެވެ. އަދި ރަށުން ބޭރު ޓީމަކަށް ށ. ޅައިމަގު
ޓީމަކަށްވެސް ވަނީ މުބާރާތުން ފުރުސަތު ދީފައެވެ.
މިއީ ފުނަދޫގައި ދޮށީ އުމުރުގެ އަންހެންވެރިންނާއި
ފިރިހެނުންނަށްވެސް މިފަދަ ވެޓްރަންސް ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމުގެ
ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. ވެޓްރަންސް މުބާރާތުގައި ބައިވެރިވެފައިވާ
އަންހެން ޓީމުތަކަކީ ،މަންމީސް، ތޭރަތިރީސް، ތާރޓީ ޕްލަސް އަދި އަންމޯ އައްޕޯ އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ޓިއާމޯ، ޖަވާޓްސް، ޑެލްޓާ
ވިންގްސް، މަގުލަސް، ދޮންތަކުރު އެފްސީ، އެފްސީ ފަގީރާ (ޅައިމަގު)، ހުއްރިއްޔާ
ލެޖެންޑްސް، ޑޭޑީސް އެފްސީ އަދި ބަނގްލާ ޓައިގާސް އެވެ.
އަންހެން ޑިވިޝަންގެ ފައިނަލްމެޗު ކުޅުމަށް
ތާވަލުކޮށްފައިވަނީ 1 އޮކްޓޫބަރުގައެވެ. އަދި ފިރިހެން ޑިވިޝަނުގެ ފައިނަލްމެޗު ތާވަލްކޮށްފައިވަނީ
2 އޮކްޓޫބަރަށެވެ.