News

އައްޑޫ ފޭދޫ ދަނޑުގެ ބިން އެއްވަރުކޮށް ނިމިއްޖެ: އެމްޓީސީސީ

22 ސެޕްޓެމްބަރު 2020






އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އައްޑޫ ސިޓީ ފޭދޫގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމާލެވިއްޖެ ކަމަށް އެ ކުންފުނިން ހާމާކޮށްފިއެވެ.


މި މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަ ކުރީ އިއްޔެ އެ ކުންފުނީގެ ފަރާތުން ކުރި ޓްވީޓެއްގައެވެ. އެމްޓީސީސީން ބުނީ އެކުންފުންޏާއި ހަވާލުކޮށްފައިވާ ސަބްބޭސް މަސައްކަތުގެ ތެރެއިން  ދަނޑު ސާފުކުރުމަށްފަހު ބިންގަނޑު އެއްވަރުކުރުމާއި ދަނޑުގެ ވަށައިގެން އޮންނަ ޕޭމަންޓް ހެދުމާއި އަޑީގައި ވަޅުލަންޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް އެކުންފުނިން ނިންމާލާފައިވާ ކަމަށެވެ.


ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަޝްރޫއަކީ ސަރުކާރުން 2.65 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އެމްޓީސީސީ އާއި ހަވާލުކުރި މަޝްރޫއެކެވެ.


ބިންގަނޑު އެއްވަރުކުރުމަށްފަހު އެ ދަނޑުގައި ބާކީ ހުރި މަސައްކަތްތަކުގެ ތެރެއިން ޓާފް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. ޓާފް އެޅުމުގެ މަސައްކަތަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ 4.53 މިލިއަން ރުފިޔާގެ ބިޔަ ބަޖެޓެކެވެ.  


100 ޓާފް ދަނޑު ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން މަސައްކަތް ފަށާފައިވާއިރު މިހާތަނަށް ވަނީ ފަސް ދަނޑެއްގެ މަސައްކަތް ނިންމިފައެވެ. މިނިސްޓްރީން ނިމިފައިވާކަމަށް އިއުލާނު ކޮށްފައިވާ ދަނޑުތަކަކީ ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ތ. ވިލުފުށި، ރ.އަލިފުށި އަދި ފ. ނިލަންދޫގައި ތަރައްގީ ކުރި ޓާފް ދަނޑުތަކެވެ.  


ކުޅިވަރުގެ ދާއިރާއިން އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަށް ސަރުކާރުން އަންނަނީ ބޮޑު ހޭދައެއް ކުރައްވަމުންނެވެ. ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ކުރީކޮޅު ބައެއް މަސައްކަތަށް ބުރޫއެރިނަމަވެސް އަނެއްކާވެސް ރަށްރަށުގައި ގާއިމުކުރާ ޓާފްދަނޑުތަކާއި ފުޓްބޯޅަ އާއި ގުޅުންހުރި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްދާކަން ފާހަގަ ކުރެވެއެވެ.

 

football

Leave a Comment:

Comments will be published after moderation.