News
"ރައްޔިތުން އުފަލުން ފޮޅިފައި، ހިތާދޫ ފުޓްސަލް އަށް މީ ހަމަ އިންގިލާބެއް"
21 ސެޕްޓެމްބަރު 2020
މިދިޔަ ހޮނިހިރު ދުވަހުގެރޭ ބ. ހިތާދޫގައި
ހުޅުވި ފުޓްސަލް ދަނޑަކީ ހިތާދޫ ރައްޔިތުންގެ އުންމީދުތަކާއި އެތަކެއް އަހަރު
ދުވަހުގެ އިންތިޒާރާށް އައި ނިމުމެކެވެ.
. ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތުން
ބަލަން ހިތަދޫގެ ރައްޔިތުން ނިކުމެ ތިބީ އުފަލުން ފޮޅިފައެވެ. ބޮޑުބެރުގެ އަޑުން ގުގުމާލި އެ ރަސްމިއްޔާތު
ނިމިގެންދިޔައީ ވަރަށް ފޯރިގަދަ ފުޓްސަލް މެޗެއްވެސް ކުޅުމަށްފަހުއެވެ. މި މެޗު
ބަލާލަން ރަށުގެ ދެޖިންސްގެ ޒުވާނުންނާއި
ދޮށީ އުމުރުގެ މީހުންނާއި ކުޑަދިންވެސް ތިއްބެވެ. މެޗު ބަލަން ހުރި އަންހެނަކު ބުނީ މިއީ ވަރަށް ގިނަ އުންމީދުތަކެއް ގުޅިފައިވާ
ފުރިހަމަ ފުޓްސަލް ދަނޑެއް ކަމަށެވެ.
"މި ރަށަކީ
އަދި އަންހެނުން ކުޅިވަރު މާބޮޑަށް ކުރިއަރައިގެންދާ ރަށެއް ނޫން އެހެންނަމަވެސް
އަޅުގަނޑު އުންމީދު ކުރަނީ މުސްތަގްބަލުގައި އަންހެނުންގެ ފުޓްސަލްވެސް
ކުރިއަރައިގެން ދާނެކަމަށް، މި ފުޓްސަލް ދަނޑަކީ ބުނާނީ މީ ޒުވާނުންނަށް ރަށުގެ
ކުރިއެރުމަށް، ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކޭ. އަދި އިތުރަށް
ފުޓްސަލް ކުޅުންތެރިން އުފެދި އަދި އަންހެނުންވެސް އަޅުގަނޑު ގަބޫލުކުރަނީ ވަރަށް
ރަނގަޅޫ ކުޅުންތެރިންތަކެއް މުސްތަގުބަލުގައި އުފެދޭނެ ކަމަށް" އޭނާ
ބުންޏެވެ.
ދަނޑުގެ އަޖުމަ
ބަލާލުމަށް ފުރަތަމަ ކުޅުނު ފުޓްސަލް މެޗުގެ ބައިވެރިއަކު ބުނީ ހުރިހާ
ޒުވާނުންވެސް ވަރަށް އުފާވެއްޖެ ކަމަށާއި، އެކަން މެޗު ކުޅުނު އިރު ކުޅުންތެރިންގެ
މޫނުމަތީގެ ހިނިތުންވުމުންވެސް ފާހަގަ ކުރެވިއްޖެ ކަމަށެވެ. "ހުރިހާ
ޒުވާނުންވެސް ވަރަށް ހިތްހަމަޖެހިފަ ތިބީ، ހިތާދޫ ފުޓްސަލް އަށް އިންގިލާބެއް މީ، ދުވަހަކުވެސް
ނުލިބޭ ވަރުގެ ޓާފް ދަނޑެއް މިއޮތީ ލިބިފަ އަނެއްކާ ބައިވަރު ޅަކުދިންތައް
އަންނަނީ އެކުދިންނަށްވެސް އޮތް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު
ގަބޫލުކުރަނީ"
އެހެން ކުޅުންތެރިންގެ
ހިޔާލުވެސް ދާދި އެއްގޮތެވެ. ރަށުގައި ގިނައިން ކުޅެނީވެސް ފުޓްސަލް، މިހާރު މިއޮތްވަރަށް
ވުރެ މައްޗަށް މިކަންދާނެ ކަމަށް ގަބޫލުކުރަނީ، އިތުރު ކުޅުންތެރިންތައް އުފެދި
ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިތާދޫގައި އަދިވެސް އުފެދިގެންދާނެ
ކަމަށް އަޅުގަނޑު އުންމީދު ކުރަނީ" ދަނޑު ހުޅުވި ރަސްމިއްޔާތުގައި ފުޓްސަލް
ކުޅުނު ޒުވާން ކުޅުންތެރިޔަކު ބުންޏެވެ.
ހިތާދޫ ފުޓްސަލް
ދަނޑަކީ ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ރައީސް އިބްރާހިމް
މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުން 100 ފުޓްސަލް ދަނޑު
ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން ބ ހިތާދޫޣެ ދަނޑުގެ މަސައްކަތް
ނިންމާ ރަސްމީކޮށް ހުޅުވި އިރު އެ ދަނޑަކީ ރޭގަނޑުވެސް މެޗުތައް ކުޅެވޭނެ
ފެންވަރަށް ލައިޓިސް ސިސްޓަމާއި އެކު ތަރައްގީ ކޮށްފައިވާ ދަނޑެކެވެ.
މި ދަނޑުގެ
މަސައްކަތަކީ ރަށުގެ ކައުންސިލާ ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިޔަށް
ގެންދެވުނު މަސައްކަތެއްކަން ފާހަގަ ކުރައްވާ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު
މަހްލޫފު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ދަނޑު ހުޅުވުމުގެ
ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މަހްލޫފް ވަނީ އެރަށަށް ކުޅިވަރުގެ
ދާއިރާއިން އިތުރުކުރިއެރުންތައް މި ސަރުކާރުން ހޯއްދަވާދެއްވާނެ ކަމުގެ
ޔަގީންކަންވެސް ދެއްވާފައެވެ.
ކޮޕެއިން
އިންވެސްޓްމެންސް އާއި ހަވާލުކޮށްގެން ތަރައްގީ ކުރި މި ފުޓްސަލް ދަނޑަށް ސަރުކާރުން
ވަނީ 1،387،755 ރުފިޔާ ހަރަދުކޮށްފައެވެ.