News

އަލިފުށީގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

16 ސެޕްޓެމްބަރު 2020






ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަޝްރޫއުގެ ދަށުން ރ.އަލިފުށީގައި ސަރުކާރުގެ ފަރާތުން އަޅާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާލި ފަސް ވަނަ ބޮޑު ޓާފް ދަނޑު ކަމަށެވެ. މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ދަނޑުގެ މަސައްކަތް ކުރުމުގައި ރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް 1,215,470.20 (އެއް މިލިއަން ދެލައްކަ ފަނަރަ ހާސް ހަތަރުސަތޭކަ ހަތްދިހަ) ރުފިޔާއަށް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ސަބް ބޭސްގެ ބައެއް މަސައްކަތްތައް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވެސް ކޮށްފައިވެއެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 4،203،358.36 (ހަތަރު މިލިއަން ދެލައްކަ ތިންހާސް ތިންސަތޭކަ ފަންސާސް އަށް) ރުފިޔާއަށް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.

އެހެންކަމުން މި ދަނޑު ހެދުމަށް ޖުމްލަ 5,418,828.56 (ފަސް މިލިއަން ހަތަރުލައްކަ އަށާރަހާސް އަށްސަތޭކަ އަށާވީސް) ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

މީގެކުރިން ޔޫތު މިނިސްޓްރީއިން ވަނީ ފ. ނިލަންދޫ، ނ. ހޮޅުދޫ، ތ. ވިލުފުށި އަދި ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައެވެ.

 



Leave a Comment:

Comments will be published after moderation.