News
ފޯކައިދޫ ބަޑީސް ފުޓްސަލް ޗެލެންޖް: ބްލަޑް ބްރަދާސް އާއި އުނދޯލި ފައިނަލަށް
16 ސެޕްޓެމްބަރު 2020
ށ. ފޯކައިދޫގައި ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދާ "ބަޑީސް ފުޓްސަލް ޗެލެންޖް 2020 ގެ ފައިނަލަށް ބްލަޑް ބްރަދާސް އާއި އެފްސީ އުނދޯލި ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށާވަރުކުރި އެފްސީ އުނދޯލި ވަނީ 2-1 އިން އެފްސީ ޕާކް ބަލިކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ޕާކްގެ އިބްރާހިމް މުސީރު އެވެ.
ސެމީ ފައިނަލްގެ 2 ވަނަ މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 3-2 ން ބްލަޑް ބްރަދާސް އެވެ. ދެހާފްގެ ކުޅުން ނިމުމު އރު ނަތީޖާ އޮތީ 2-2 ގައެވެ. އެހެންނަމަވެސް ޕެނަލްޓީ ޖަހައިގެން އަލަސްކާ ބަލިކޮށް ބްލަޑް ބްރަދާސް ވަނީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލަޑް ބްރަދާސްގެ ރިޝްވާންއެވެ.

ފައިނަލް މެޗު އޮންނާނީ 18 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު 16:15 ގައެވެ. މި މުބާރާތަކީ ޒުވާނުުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ ގޮތުން ފޯކައިދޫގައި ހަރަކާތެރިވާ ޒުވާން ގްރޫޕެއްކަމުގައިވާ ބަޑީސް ގްރޫޕުން އިސްނަގައިގެން ރާވާ އިންތިޒާމު ކުރި މުބާރާތެކެވެ.
ރަށުގެ ވިޔަފާރިތަކާއި ސަރަހައްދީ ވިޔަފާރިތަކުންވެސް ސްޕޮންސަރ ކޮށްފައިވާ މި މުބާރާތް ފެށީ ސެޕްޓެމްބަރު 5 ގައެވެ. މުބާރާތުގައި ޖުމްލަ 10 ޓީމުން ވާދަކުރިއެވެ. މިއީ ސިލްސިލާކޮށް ކުރިޔަށް ގެންދާ މުބާރާތެއް ކަމަށާއި ކުރިޔަށް ހުރި މުބާރާތްތައް މިހާރަށްވުރެ ފޯރީގައި ކުރިޔަށް ގެންދެވޭނެ ކަމަށް ބަޑީސް ގުރޫޕުން ބުނެއެވެ.