News
ށ. ފުނަދޫ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް: ފައިނަލް މެޗު މާދަމާ
12 ސެޕްޓެމްބަރު 2020
ށ. ފުނަދޫގައި ދެ ޒުވާނަކު އިސްނަގައިގެން ބާއްވާ 'ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2020' ވަރަށް ފޯރިއާއެކު އެރަށުގައި ކުރިޔަށް އެބަދެއެވެ.
މިއީ މިދިޔަ އަހަރުވެސް އެރަށުގައި ބޭއްވި މުބާރާތެކެވެ. އެހެންނަމަވެސް މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި އަންހެން ޓީމުތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތް އިންތިޒާމް ކުރާ ދެ ޒުވާނުންނަކީ ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މާޖިދު (މާއްޓޭ) އެވެ.
ސެޕްޓެމްބަރު 1 އިން ފެށިގެން ފުނަދޫގައި ކުރިޔަށްދާ މި މުބާރާތާއި ގުޅޭ މައުލޫމާތު ބޯޅަ.އެމްވީ އާއި ހިއްސާ ކުރަމުން ޔޫކޭ ބުނީ އެރަށުގައި ހަމައެކަނި އޮންނަނީ އޮފީސްތަކަށް ހާއްސަ ފުޓްސަލް މުބާރާތެއް ކަމަށެވެ. އެ މުބާރާތަކީ ގިނައިން 35 އަހަރުން މަތީގެ އޮފީސްތަކުގެ މުވައްޒަފުންނަށް އެކަނި ބައިވެރިވެވޭ މުބާރާތެއް ކަމުން ޔުނިޓީ ކަޕަކީ ވީހާވެސް ގިނަ ޒުވާނުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށެވެ.
މުބާރާތުގެ ފައިނަލް މެޗު މާދަމާ އަށް ރޭވިފައިވާއިރު މުބާރާތުގެ މެއިން ސްޕޮންސަރަކީ ރަށުގެ ވިޔަފާރިއެއް ކަމަށާއި، ކޯ-ސްޕޮންސަރަކީ ގައުމީ ފެންވަރުގައި ގެވެށި އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ގައުމީ ކެމްޕޭން "ގެވެށި ގުޅުން" ކަމަށް ޔޫކޭ ބުންޏެވެ.
"ކުޅިވަރު މުބާރާތެއް ބާއްވާލުމުގެ އިތުރުން ރައްޔިތުންނަށް ގެވެށި އަނިޔާ އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ސެޝަންތަކެއްވެސް ޓީމުތަކަށް އެބަ ހިންގަން، އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގެވެށި ގުޅުން ކެމްޕޭންގެ ސްލޯގަން ތަކާއި ކެމްޕޭނާއި ގުޅޭ ވަރަށް ގިނަ މައުލޫމާތުތަކެއްވެސް ރައްޔިތުންނަށް އެބަދެން" ޔޫކޭ ބުންޏެވެ.
ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމާއި މެޑަލް އަދި ވާދައިގެ ތައްޓެއް ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ މޮޅު ކުޅުންތެރިޔާ އާއި 35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާވެސް ހޮވާނެ އެވެ.
މާދަމާ ކުޅޭ ފައިނަލް މެޗުގައި ފިރިހެން ބައިން ބައްދަލުކުރާނީ 'ރުއްދަނޑު' ޓީމާއި 'އަލްފާ ބްރާވޯ' ޓީމެވެ. އަންހެން ބައިގެ ފައިނަލަށް ނިކުންނާނީ 'ސެނޯރާސް' އާއި 'ފްލޮރެންސް' ޓީމެވެ.

"އާންމުކޮށް މި މުބާރާތް ބާއްވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީގައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ކޮވިޑާއި ހެދި މުބާރާތް ލަސްވީ އެކަމަކު ކޮވިޑުވީމަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ވަރަށް ގިނަ ޒުވާނުން މިތިބީ ރަށުގައި، ވަރަށް ރަނގަޅު ދަނޑިވަޅަކަށް މިފަހަރު މިދިމާވީ" ޔޫކޭ ބުންޏެވެ.