News

ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އައްޔަ ހޮވައިފި

9 ސެޕްޓެމްބަރު 2020






ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއެމް) ގެ ރައީސްގެ މަގާމަށް އަނެއްކާވެސް (އަލީ ރަޝީދު) އައްޔަ ހޮވައިފިއެވެ.

 

 އަންގާރަ ދުވަހު ބޭއްވި އިންތިހާބުގައި ޓީޓީއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އައްޔަ އިންތިހާބު ކުރީ 155 ވޯޓުންނެވެ.

 

އައްޔަ އާއި ވާދަކުރި ތޯހާ ސަލީމަށް ލިބުނީ 80 ވޯޓެވެ. ޓީޓީއެމްގެ ނައިބު ރައީސްގެ މަގާމަށް ހޮވުނީ ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހިމް ޝިއުރީ އެވެ. ޝީއުރީ ވަނީ 165 ވޯޓު ހޯދާފައެވެ.

 

ހަޒާންދާރުގެ މަގާމަށް ހޮވުނީ އަހުމަދު ޝާޒިލް އެވެ. އޭނާ އަށް ލިބުނީ 152 ވޯޓެވެ. ކުލަބު މެންބަރުގެ މަގާމަށް ހޮވުނީ ޖާދުﷲ ހަސަން(ޖޭޑް) އެވެ. ފަރުދީ އަންހެން މެންބަރުގެ މަގާމަށް ހޮވުނީ ކުރީގެ ޓީޓީ ޗެމްޕިއަނެއް ކަމުގައިވާ އައިޝަތު ސަމާހަތް ބިންތި ފިރާގް އެވެ. ފަރުދީ ފިރިހެން މެންބަރުގެ މަގާމަށް ހޮވުނީ އައްޒާމް އިބްރާހިމް އެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ތަޖްރިބާކާރު ބައިނަލްއަޤްވާމީ އަމްޕަރެވެ. އެސޯސިއޭޓް މެންބަރުގެ މަގާމަށް ހޮވުނީ ގައުމީ ޓީމުގެ ކުރީގެ ޓީޓީ ކުޅުންތެރިޔާ އިސްމާއިލް ޝުޖާއު އެވެ.

 

އާ ހިންގާ ކޮމިޓީއަށް އިންތިހާބުވި މި ހުރިހާ މެންބަރުންނަކީ އެސޯސިއޭޝަންގެ ރައީސް އައްޔަގެ ޓީމުގައި ހިމެނޭ މެންބަރުންނެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާގެ ޓީމުގައި ވާދަކުރި އެއްވެސް ބައިވެރިއެއް އެއްވެސް މަގާމަކަށް ނުހޮވެއެވެ.

 

އެޓީމުގައި ހިމެނުނު ޓީޓީއެމްގެ ކުރީގެ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ވަނީ އިންތިހާބު ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައެވެ. އެހެންނަމަވެސް އިއްޔެ ސިވިލް ކޯޓުން ނިންމާފައިވަނީ އިންތިހާބު ލަސްކުރާނެ ތަނެއް ނެތްކަމަށް ކޯޓަށް ފެންނަ ކަމަށެވެ. މި ހުކުމާއި އެކު ޓީޓީ އެސޯސިއޭޝަނުން ހިންގާ ކޮމިޓީ ހޮވުމަށް ބޭއްވި އިންތިހާބު ކުރިޔަށް ގެންދިޔައީ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައެވެ. އިންތިހާބުގައި 15 ކުލަބަކާއި 272 މެންބަރުން ވޯޓުދީފައިވެއެވެ

 

ޓީޓީއެމްގެ އިންތިހާބުގެ ތެރެއަށް ތިންވަނަ ފަރާތަކުން ވަންނަނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބައިނަލްއަޤްވާމީ ޓީޓީ ފެޑެރޭޝަނުން ވަނީ ރާއްޖެއަށް އިންޒާރުވެސް ދީފައެވެ. ޓީޓީ އެސޯސިއޭޝަނުން ބުނީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކަންތައްތައް ކުރިޔަށް ގެންދާނަމަ ސަޝްޕެންޝަނެއް އައުމުގެ ބިރު އޮތް ކަމަށާއި، ދެ ފަހަރެއްގެ މަތިން ސަސްޕެންޝަނުގެ އިންޒާރު އައޓީޓީއެފް އިން ދިން ކަމަށެވެ.

 

ފޮޓޯ: މިހާރު އޮންލައިން  



Leave a Comment:

Comments will be published after moderation.