ކްރިސްޓަލް ޕެލަސް އެފްސީގެ ޑރ. ޒަފްގެ ތައުރީފާ ޝުކުރު މަހްލޫފަށް!
7 ސެޕްޓެމްބަރު 2020
ލިވަޕޫލްގެ ކުރީގެ ޑޮކްޓަރ އަދި އިނގިރޭސި ކްލަބު ކްރިސްޓަލް ޕެލަސް އެފްސީގެ މިހާރުގެ ހެޑް އޮފް ސްޕޯޓްސް، ޑޮކްޓަރ ޒަފް އިގްބާލް ރާއްޖޭގެ ގައުމީ ޓީމުގެ އެތްލީޓުންނާއި އެހެން ގައުމުތަކުގެ އެތްލީޓުންނަށް ފިޓްނަސް އާއި ގުޅޭ ހާއްސަ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްދީފިއެވެ.
ޑޮކްޓަރ ޒަފްގެ މި ސެޝަނަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ފިޓްނެސް މެއިންޓެއިން ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން އެތްލީޓުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. ޑރ. ޒަފް ވަނީ ކޮވިޑް-19 ގެ ލޮކްޑައުން ހާލަތުގައި ފިޓްނަސް ދަމަހައްޓާނެ ގޮތްތަކާއި، ނިއުޓްރިޝަން، އެކްސަސައިޒް ރޫޓީންސް، އަދި ފިޓްނެސް މެއިންޓެނަންސް ގެންގުޅޭނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފައެވެ.
މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޑރ. ޒަފްގެ ޝެޝަނުން ހުރިހާ އެތްލީޓުންނަށްވެސް ކޮންމެސް މިންވަރެއް ދަސްވިކަމަށް އުންމީދު ކުރައްވާ ކަމަށާއި، މުސްތަގްބަލްގައި ރާއްޖެއިން ޑރ. ޒަފް އާއި ބައްދަލުވުމަށް އެދޭ ކަމަށެވެ.
މި ޓްވީޓަށް ރައްދު ދިނުމުގެ ގޮތުން ކޮށްފައިވާ ޓްވީޓެއްގައި ޑރ. ޒަފް ބުނީ މިއީ އޭނާއަށް ލިބުނު ފަހުރެއް ކަމަށާއި، އޭނާއަށް ދައުވަތު ދިނީތީ މަހްލޫފަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުޅިވަރަށް މީހުން އަހުލުވެރިކުރުވާ ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ގޮތުން ދުޅަހެޔޮ ލައިފްސްޓައިލެއް ބިނާކުރުމަށް ބާރުއަޅެމުގެ ގޮތުން މަހްލޫފު ކުރައްވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ.
ޑރ. ޒަފް ލަންޑަނުގައި ހުރެގެން އެކި ގައުމުތަކުގެ އތްލީޓުންނާއެކު މި ޝެޝަން ކުރިޔަށް ގެންދިޔައީ އޮންލައިން ޕްލެޓްފޯމެއްގައި ޒޫމް އެޕްލިކޭޝަން މެދުވެރިކޮށްގެންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ހިމެނޭ މި ސެޝަނުގައި ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅީވަރާއި ބެހޭ ވަޒީރަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް އާއި އެސޯސިއޭޝަންތަކުން ވަނީ މި ފުރުސަތު ފަހިކޮށްދެއްވީތީ ކުޅިވަރާއި ބެހޭ ވަޒީރަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ފަރާތުން ބައިވެރިވި ބައިވެރިންނަށް މި ސެޝަންގެ ސަބަބުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.
ރާއްޖޭގެ 180 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވި މި ސެޝަނުން ވަރަށް ގިނަ ކަންތައްތައް ދަސްވި ކަމަށާއި، މިފަދަ ފުރުސަތެއް ލިބުނީތީ ވަރަށް އުފާވާ ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ބުނެއެވެ.