News

ރާއްޖެ ސަސްޕެންޑް ކޮށްފާނެކަމުގެ އިންޒާރުގެ ސިޓީއެއް ލިބިފައިވޭ: މަހްލޫފް

7 ސެޕްޓެމްބަރު 2020






އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށް ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

 

މިކަމާއި ގުޅޭ ގޮތުން މިނިސްޓަރ މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރުގެ ތެރެއަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ކޯޓުތަކުން ވަންނަ ކުޅިވަރު ތަކުން ސަސްޕެންޑްކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

 

 

"ޒުވާން ޓީޓީ ޓީމުން މިދިޔަ އަހަރު ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީފައިވާއިރު އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އަޅުގަނޑަށްވެސް ވަނީ ލިބިފަ" މިނިސްޓަރ މަހްލޫފު ވިދާޅުވިއެވެ. 


މިނިސްޓަރ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ، ރާއްޖޭގެ ކުޅިވަރު ގާނޫނާ އަސާސީ ގަވާއިދާއި ފުށޫނާރާ ގޮތަށް އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދަނިކޮށް އިންތިހާބު ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅައިގެން އެކަން އެގޮތަށް ކޮށްފިނަމަ ރާއްޖެއަށް ސަސްޕެންޝަނެއް އައުމުގެ ބިރު އެބައޮތް ކަމަށް އެސޯސިއޭޝަނުންވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

 

މިދިޔަ ބުރާސްފަތި ދުވަހު އެ އެސޯސިއޭޝަނުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެންވެސް ޓީޓީއޭއެމްގެ އިންތިހާބު އިންސާފުވެރިކަމާއެކު ބޭއްވޭނެ ކަމަށް ގަބޫލުނުކުރާކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް އެދި މިހާރުގެ ހިންގާ ކޮމިޓީގެ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ އެވެ.

 

ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ތާޅަފިލި އަލިބެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަކާލާތު ކުރުމަށް ހަމަޖައްސާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

 

މިފަހަރުގެ އިންތިހާބުގައި ޓީޓީ އެސޯސިއޭޝަނުން ދެ ޓީމެއް ނިކުމެއެވެ. އެ ދެ ޓީމަކީ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) ގެ ޓީމަކާއި މުޅިން އަލަށް އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރައްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ކުރީގެ ޕްރިންސިޕަލް، ތޯހާ ސަލީމްގެ ޓީމެވެ.


އިންތިހާބު ފަސްކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި އަލިބެ ހުރީ މިހާރުގެ ރައީސް އައްޔަ އާއި ދެކޮޅަށް ތޯހާގެ ޓީމުގައެވެ. ހިންގާކޮމިޓީގެ މެންބަރު ކަމަށް މި އިންތިހާބުގައިވެސް އަލިބެ ވާދަކުރެއެވެ.

 



Leave a Comment:

Comments will be published after moderation.