News
އިންތިހާބުގެ މައްސަލައާއި އެކު ސަސްޕެންޝަނެއްގެ ބިރު އެބައޮތް: ޓީޓީ އެސޯސިއޭޝަން
5 ސެޕްޓެމްބަރު 2020
ބަހުސްތައް އުފެދިފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ އިންތިހާބު ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށްގެންދާނަމަ ރާއްޖެއަށް ސަސްޕެންޝަނެއްގެ ބިރު އެބައޮތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
ޓީޓީއޭއެމް އިން ބުނީ އެ އެސޯސިއޭޝަންގެ އިންތިހާބު ރާއްޖޭގެ ކުޅިވަރުގެ ގާނޫނާއި ފުށޫނާރާގޮތަކަށް އަދި އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިޔަށްގެންދަނިކޮށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށްދާނަމަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން އިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށެވެ.
އެ އެސޯސިއޭޝަނުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަނަރު މެދުވެރިވެގެންވެސް ޓީޓީއޭއެމްގެ އިންތިހާބު އިންސާފުވެރިކަމާއެކު ބޭއްވޭނެ ކަމަށް ގަބޫލުނުކުރާކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް އެދި މިހާރުގެ ހިންގާ ކޮމިޓީގެ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ އެވެ.
ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ތާޅަފިލި އަލިބެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަކާލާތު ކުރުމަށް ހަމަޖައްސާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
މިފަހަރުގެ އިންތިހާބުގައި ޓީޓީ އެސޯސިއޭޝަނުން ދެ ޓީމެއް ނިކުމެއެވެ. އެ ދެ ޓީމަކީ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) ގެ ޓީމަކާއި މުޅިން އަލަށް އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރައްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ކުރީގެ ޕްރިންސިޕަލް، ތޯހާ ސަލީމްގެ ޓީމެވެ.
އިންތިހާބު ފަސްކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި އަލިބެ ހުރީ މިހާރުގެ ރައީސް އައްޔަ އާއި ދެކޮޅަށް ތޯހާގެ ޓީމުގައެވެ. ހިންގާކޮމިޓީގެ މެންބަރު ކަމަށް މި އިންތިހާބުގައިވެސް އަލިބެ ވާދަކުރެއެވެ.