News

އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނުން ބަލައިގެންފި

3 ސެޕްޓެމްބަރު 2020






އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނުން ބަލައިގަނެ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްދީފިއެވެ.

 

ބުރާސްފަތި ދުވަހު އެފްއޭއެމްގެ އާ ހިނގާ ކޮމިޓީ ރަޖިސްޓަރީ ކޮށްދިނުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ރެޖިސްޓްރޭޝަން ލިޔުން ހަވާލުކޮށްދެއްވާފައެވެ. 

 

އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ ބަލައިގަނެ ރަޖިސްޓްރީ ކޮށްދީފައިވާތީ ބައްސާމް ވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފަށް ޝުކުރު އަދާކުރައްވާފައެވެ. ހިންގާ ކޮމިޓީގެ ރަޖިސްޓްރޭޝަން ލިއުން ލިބިވަޑައިގެންނެވިކަން ހާމަ ކުރައްވާ ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަނަ ނުދީ އަސާސީ ގަވާއިދާއި އެއްގޮތަށް އެފްއޭއެމްގެ ކަންކަން ކުރިޔަށް ގެންދިއުމަށް މަގުފަހިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރާއި ކުޅިވަރާއިބެހޭ ވަޒީރު ކަމަށެވެ. 

 

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ކުރީގެ އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވަނީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިދީ އެފްއޭއެމަށް ފިޔަވަޅު އަޅާދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އިންތިހާބު ހުއްޓުވައިދިނުމަށްވެސް އެދުނެވެ. އެހެންނަމަވެސް މްހަލޫފް ވިދާޅުވެފައިވަނީ އިންތިހާބު ހުއްޓުވުމުގެ ބާރެއް މިނިސްޓަށްވެސް އަދި ސްޕޯޓްސް ކޮމިޝަނަށްވެސް ނޯންނަ ކަމަށެވެ. 

 

އެފްއޭއެމް އިން 2 ޖުލައި 2020 ބޭއްވި އިންތިހާބު ފީފާ އާއި އޭއެފްސީން ވެސް ވަނީ ބަލައިގެންފައެވެ. އަދި ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފްވެސް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އިންތިހާބު އަމިއްލަ ހައިސިއްޔަތުން ބަލައިގަންނަ ކަމަށެވެ. 

 

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުން:

ރައީސް: ބައްސާމް އަދީލް ޖަލީލް
ސީނިއާ ނާއިބު ރައީސް: އަލީ އުމަރު
ނާއިބު ރައީސް: ހުސެއިން ޝާފިއު
މެންބަރުން: އަހުމަދު ޝަކީބް (ޑޮކް)
މުއާވިޔަތު ހަލީލް
މުފާވިޒް ހާޝިމް
އަހުމަދު ނަޝީދު (ޑޭވް)
އައިމިނަތު ޝާނީޒް
މުހައްމަދު ޝިފާއު



Leave a Comment:

Comments will be published after moderation.