News
މެސީއަށް އެހެން ކުލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދެއްކުމަށްފަހު: ލަލީގާ
31 އޯގަސްޓް 2020
ބާސެލޯނާގެ އެއްބަސްވުން ހަމަނުވާހާ ހިނދަކު މެސީއަށް އެ ކުލަބު ދޫކޮށް ނުދެވޭނެ ކަމަށާއި އެހެން ކުލަބަކަށް ބަދަލުވާނަމަ 700 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ސްޕެނިޝް ލީގުން ބުނެފިއެވެ.
ޕްރީ ސީޒަނަށް ބާސެލާނެ ކުޅުންތެރިންގެ މެޑިކަލް ހެދުން އިއްޔެ ކުރިޔަށް ގެންދިޔަ އިރު ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހާޒިރެއް ނުވެ ގަޑިއިރުތަކެއް ވީފަހުން އިއްޔެ ސްޕެނިޝް ލީގުން ނެރުނު ބަޔާނެއްގައި ބުނީ މެސީގެ އެއްބަސްވުމުގައި އެހެން ކުލަބަށް ބަދަލުވެވޭނެ ގޮތް ވަރަށް ސާފުކޮށް އޮތް އިރު އެކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް 6 ފަހަރު ހޯދާފައިވާ މެސީ ވަނީ އޭނާ ބާސެނާ ދޫކޮށްލަން އެދި އަންގާރަ ދުވަހުގެރޭ މުޅި ދުނިޔެ ސިއްސުވާލާފައެވެ. އޭނާ ބާސާގެ މެނޭޖްމެންޓަށް ހުށަހަޅާފައިވަނީ އޭނާގެ އެއްބަސްވުމަށް ބަދަލު ގެނެސްގެން ހިލޭ އެ ކުލަބު ދޫކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ބާސާގައި ހުންނަން މެސީ ހިތްހަމަ ނުޖެހެނީ އެ ކުލަބުގައި އޭނާއަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީއެވެ. އެގޮތަށް އޭނާ ގަބޫލުކުރަނީ އެ ކުލަބުގެ ރައީސް އާއި ދެމެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ކަމަށެވެސް ރިޕީޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މެންޗެސްޓާ ސިޓީން ވަނީ މެސީ ގެންދިއުމަށް އޭނާ އާއި ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް 700 މިލިއަން ޔޫރޯ ނުދައްކާ އެހެން ކުލަބަށް މެސީ ސޮއިކުރުމަށް އެއްބާރުލުން ނުދޭނެ ކަމަށް ލަލީގާއިން ބުނެއެވެ.
މެސީ ބާސާއާއި އެކު 2017 ގައި ހަދާފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމޭއިރު ހިލޭ ކްލަބު ދޫކޮށްލުމުގެ އިހްތިޔާރު އޮންނަކަމަށް ބުނާ ޕޮއިންޓްގެ ބޭނުން ހިފައިގެން މެސީ އުޅުނީ ބާސާއިން ވަކިވާން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް އެކަމަށް ރައްދުދީ ބާސާއިން ބުނީ ކޮންމެ ސީޒަނެއް ނިމޭއިރު ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު ލިބޭ ގޮތަށް އޮންނަ މުއްދަތު މިހާރުވަނީ ހަމަވެފައި ކަމަށެވެ. އެހެންކަމުން މެސީއަށް ހިލޭ ބާސާ ދޫކޮށް ނުދެވޭނެ ކަމަށެވެ.
ބާސާއިން ބުނާ ގޮތުގައި މެސީ ކުލަބު ދޫކޮށްލަން ބޭނުންނަމަ ޖޫލައި 10 ގެ ކުރިން ކްލަބަށް އަންގަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މެސީގެ ފަރާތުން ކުލަބަށް އަންގާފައިވަނީ 2019-2020 ސީޒަން ދިގުދެމިގެން ދިޔަ ހާލަތަށް ބަލާ ސީޒަން މެދުކެނޑިގެން ދިޔަ ދުވަސްތައް ނުގުނޭނެ ކަމަށާއި އެހެންކަމުން އެއްބަސްވުމުގައި އެ ބުނާ މުައްދަތުތައްވެސް ފަސްކުރެވޭ ކަމަށެވެ. ނަމަވެސް ބާސާއިން މެސީއަށް އަންގާފައިވަނީ މެސީއާއި އެކު ބާސާއިން ކުރިޔަށްދާން ބޭނުންވާ ކަމަށާއި ކުލަބުދޫކޮށްލަން މެސީ ބެނުންނަމަ 700 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށެވެ.